ވ. އަތޮޅު ހޮހޮޅައިގައި މަރުވި އިޓަލީ ޑައިވަރުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ލިބިއްޖެ
ވ. އަތޮޅު ދެކުނު ކަނޑުގެ އަޑީގައި ހުރި ހޮހޮޅައަކަށް ފީނަން ފައިބައިގެން އުޅެނިކޮށް ގެއްލިގެން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ މިހާރު ލިބިފައިވާއިރު، އެ މީހުން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން ކަމަށް އެ ރިޕޯޓުން ދައްކައިފިއެވެ.
އިޓަލީގެ ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ކަނޑައެޅި ފޮރެންސިކް ޑޮކްޓަރަކު ހެދި މި އޮޓޮޕްސީގެ ވަގުތީ ނަތީޖާ ލިބިފައިވަނީ ހާދިސާގައި މަރުވި އުމުރުން 51 އަހަރުގެ ޔުނިވަސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު، އުމުރުން 20 އަހަރުގެ ޖޯޖިއާ ސޮމާކަލްގެއެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމައިންގެ މަރުގެ އަސްލު ސަބަބަކީ އޮކްސިޖަން ފުޅިން ވައި ހުސްވުން ނުވަތަ އޮކްސިޖަން ނުލިބިގެންވީ އެނޮކްސިއާ ކަމަށް ބެލެވޭއިރު، މަރުގެ ފުރިހަމަ ތަފްސީލުތައް ހިމެނޭ ފައިނަލް ރިޕޯޓް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށްވާއިރު، ހޮހޮޅައިގެ ތެރޭގައި ތާށިވެގެން މަރުވި ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ހަމަ އެދުވަހު ވަނީ ފެނިފައެވެ. އަދި ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފިންލޭންޑްގެ ތަޖުރިބާކާރު ޓީމެއްގެ އެހީތެރިކަމާއެކު ނަގައި، މިދިޔަ ހޮނިހިރު ދުވަހު ވަނީ އިޓަލީއަށް ފޮނުވާލާފައެވެ. މިހާރު އެ ހަށިގަނޑުތައް ވަޅުލުމުގެ ހުއްދަ އާއިލާތަކަށް ދީފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.
މި މައްސަލަ ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން މިހާރު ތަހުގީގު ކުރަމުންދަނީ އިހުމާލުގެ މަރެއްގެ ގޮތުގައެވެ. އެހެންކަމުން، ތަހުގީގަށް ބޭނުންވާ އެއްބާރުލުން ހޯދުމަށް ރޯމްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވާފައެވެ.
އިޓަލީން ފޮނުވި ސިޓީގައި އެދިފައިވަނީ ރާއްޖޭގެ އިދާރާތަކުން މިހާތަނަށް ހޯދާފައިވާ ހުރިހާ ލިޔެކިޔުންތަކާއި، ޑައިވަރުން ބޭނުންކުރި ޓެކްނިކަލް އާލާތްތަކުގެ އިތުރުން ހޮހޮޅައިގެ ތެރެއިން ފެނުނު ގޯޕްރޯ ކެމެރާގެ ފުޓޭޖުތައް އެ ގައުމުގެ ތަހުގީގު ޓީމާ ހިއްސާކޮށްދިނުމަށެވެ.
Ads by MACL
