ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ---
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ---

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް، އަންނަ އާދިއްތަ ދުވަހު ބާއްވާ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއަށް މަޖިލީހުގެ އިދާރާއިން އެޖެންޑާކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ހުށަހެޅި މި މައްސަލައަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މައްސަލައެއް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މި ގަރާރުގެ ބަހުސް ކުރިއަށްގެންދިއުމަށް ޖުމްލަ އެއް ގަޑިއިރު ކަނޑައަޅާފައިވާއިރު، މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ ބަހުސް ފެށުމުގެ ކުރިން އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމަށް ނާޒިމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ވަގުތު ބަހާލުމުގައި ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ ތިން މިނެޓުގެ އެއް ފުރުސަތެވެ.

މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހެޅިފައިވާނަމަ، އެ ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ބަހުސެއް ނުކުރެވޭނެއެވެ.

އަދި މިފަދަ ބަހުސެއް ހިނގާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށް ގަވާއިދުގައިވާއިރު، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ހައްގު ނާޒިމަށް ލިބިގެންވީ ނަމަވެސް، އެ މައްސަލައިގައި ނަގާ ވޯޓުގައި އޭނާއަށް ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ. މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ގަރާރު ފާސްވުމުންނެވެ.