އިންޑިއާގެ ކެރެލާގެ ޕާކެއްގައި ހުރި ބޮޑު އެނބުރޭ އުނދޯއްޔެއް ބިންދައިގެން ގޮސް، 5 މީހަކަށް އަނިޔާވެއްޖެ
އިންޑިއާގެ ކެރެލާގެ ޕާކެއްގައި ހުރި ބޮޑު އެނބުރޭ އުނދޯއްޔެއް (ޖަޔަންޓް ވީލް) ބިންދައިގެން ގޮސް، އޭގައިތިބި ފަސް މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ކެރެލާގެ ވެރިރަށް ތިރުވަނަންތަޕޫރަމް ކައިރީގައި ހުންނަ "ހެޕީލޭންޑް" އެމިއުޒްމަންޓް ޕާކުގައި ހިނގި މި ހާދިސާގައި، އެނބުރެމުންދިޔަ ބޮޑު އުނދޯލީގެ ބައެއް ބިނދިގެން ވެއްޓުނީ ސްކޫލް ބަންދު ދުވަސްވަރު ކަމުން ގިނަ އަދަދެއްގެ ބަޔަކު ޕާކަށް ޒިޔާރަތްކުރަމުން ދަނިކޮށް މިއަދު މެންދުރުފަހު 2:00 އެހާކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އިންޑިއާގެ ނާގަރްކޮއިލްއިން އެ ސަރަހައްދަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ފަތުރުވެރިންތަކަކަށެވެ.
މި ބިރުވެރި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި 14 އަހަރާއި 16 އަހަރުގެ ދެ ކުދިންގެ އިތުރުން 49 އަހަރާއި 54 އަހަރާ ދެމެދުގެ ތިން އަންހެނުން ހިމެނެއެވެ. ފުލުހުންގެ އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ އުނދޯލީގެ ދަގަނޑު އޮނިގަނޑު ހިފަހައްޓާފައި ހުރި ވެލްޑިންގް ގުޅުންތަކާއި ސަޕޯޓް ފްރޭމަށް ދިމާވި ސްޓްރަކްޗަރަލް ފެއިލިއާއެއްގެ ސަބަބުންނެވެ. ބޮޑު އުނދޯލި އެނބުރެމުން ދަނިކޮށް ދަގަނޑު ބައިތައް ކުއްލިއަކަށް ބިނދިގެން ދިއުމާއެކު، އޭގެ ގޮނޑިތަކުގައި ތިބި މީހުން ވަނީ މަތިން ބިމަށް ވެއްޓިފައެވެ.
https://twitter.com/nextminutenews7/status/2059957760146518260ހާދިސާ ހިނގުމާއެކު ކެރެލާ ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަނިޔާވި މީހުން ސަލާމަތްކޮށް ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައެވެ. އަނިޔާވި މީހުންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނު އެއް އަންހެނަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ތިރުވަނަންތަޕޫރަމްގެ ގަވަރްމަންޓް މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ފަހުން ވަނީ ބަދަލުކޮށްފައެވެ. އަދި އަނެއް ހަތަރު މީހުންގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، ޕާކުގައި ގިނަ އަދަދެއްގެ ކުދިންނާއި އާއިލާތައް ތިއްބާ ހިނގި މި ހާދިސާގައި ބޮޑު ކާރިސާއަކުން ސަލާމަތްވީ ހަނިގޮތަކަށް ކަމަށެވެ.
ފުލުހުން މިހާރު ވަނީ މި މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށް، ޕާކުގެ ސަލާމަތީ ކަންކަން ބަލަހައްޓާފައިވާ ގޮތާއި، ގަވާއިދުން ހަދަންޖެހޭ މެއިންޓެނަންސް އިންސްޕެކްޝަންތަކާއި ސޭފްޓީ ސެޓްފިކެޓްތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ފުރިހަމަ ތަހުގީގެއް ފަށާފައެވެ.
Ads by MACL
