ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޭމާގެ އަނިޔާ ސީރިއަސް؛ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާއި މެދު ސުވާލު އުފެދިއްޖެ

ނޭމާގެ އަނިޔާ ސީރިއަސް؛ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާއި މެދު ސުވާލު އުފެދިއްޖެ

ބްރެޒިލްގެ ތަރި ނޭމާގެ ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ސީރިއަށް އަނިޔާއެއް ލިބިފައިވާ ކަމަށް އޭނާގެ މެޑިކަލް ރިޕޯޓުން ދައްކައިފިއެވެ.

ނޭމާ ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑްގައި ހިމަނާފައިވަނީ ވެސް އަނިޔާގައި ހުއްޓައެވެ. ވޯލްޑް ކަޕް ކުރިއަށް އޮތުމުން ނޭމާގެ އަނިޔާ އިތުރަށް ޔަގީންކުރަން ބުރާސްފަތި ދުވަހު ހެދި މެޑިކަލް ޓެސްޓުތަކުން ވަނީ ހީނުކުރާވަރުގެ ގޯސް ނަތީޖާއެއް ދައްކާފައިއެވެ.

އެގޮތުން ނޭމާގެ ކަނާތު ފައިގެ ކުޑަކަޅުވާ އަށް ލިބިފައިވާ ގެއްލުން ސީރިއަސް ކަމަށް ޓެސްޓުތަކުން ހާމަވުމުން ކުރިއަށް އޮތް ދެ ހަފްތާ ނުވަތަ ތިން ހަފްތާ ދުވަހު ނޭމާ ކުޅުމާއި ދުރުގައި ހުންނަ ޖެހޭނެ ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެހެން ކަމުން ކުރިއަށް އޮތް ވޯލްޑް ކަޕްގައި އޭނާ ކުޅުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ބްރެޒިލް ޓީމުން ބޭއްވި ފުރަތަމަ ތަމްރީނު ސެޝަންގައި އޭނާ ބައިވެރިވެފައި ނުވާއިރު، މިއީ އެ ޓީމުގެ ވޯލްޑް ކަޕް ތައްޔާރީތަކަށް ލިބުނު ބޮޑު ސިހުމެކެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީ.ބީ.އެފް) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އުމުރުން 34 އަހަރުގެ ފޯވާޑް ވަނީ ޓެރެސޮޕޮލިސްގެ ޕްރައިވެޓް ކްލިނިކަކަށް އިތުރު އިމޭޖިންގ ޓެސްޓުތައް ހެދުމަށް ފޮނުވާފައެވެ. ސީ.ބީ.އެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މެޑިކަލް ސްޓާފުން އެސެސްމަންޓްތައް ފުރިހަމަކުރަންދެން އިތުރު މައުލޫމާތެއް ހާމަނުކުރާނެ" ކަމަށެވެ. ނަމަވެސް، ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބްރެޒިލުން ފެށި ކޭމްޕުގެ ދެވަނަ ދުވަހު އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ނޭމާގެ އަނިޔާގެ ވާހަކައެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީއަށް މިވަގުތު ވެސް ބައެއް ކުޅުންތެރިންގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެގޮތުން އާސެނަލް އާއި ޕީ.އެސް.ޖީ ބައްދަލުކުރާ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅޭތީ، ޑިފެންޑަރުން ކަމަށްވާ ގަބްރިއެލް މަގަލްހައެސް އާއި މާކީނިއޯސްގެ އިތުރުން ފޯވާޑް ގަބްރިއެލް މާޓިނެލީ އަންނަ އާދިއްތަ ދުވަހު ޕެނަމާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ނުފެންނާނެއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ނޭމާ (128 މެޗުން 79 ލަނޑު)، 2023 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް އޭނާއަށް ފުރުސަތު ދިނުމުން ސަޕޯޓަރުންގެ ބޮޑު އުންމީދެއް އޮތް ނަމަވެސް، އޭނާގެ ފިޓްނަސްއާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ކޯޗު އަންޗެލޮޓީ ކުރިން ވެސް ބުނެފައިވަނީ "ނޭމާއަށް ވަކި އެއްވެސް ހާއްސަ އިނާޔަތެއް ނުލިބޭނެ" ކަމަށާއި، ޓީމުން ފުރުސަތު ލިބޭނީ ހަމައެކަނި ފިޓްނަސް އާއި ކުޅުމަށް ބަލާފައި ކަމަށެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ބްރެޒިލުން ޕެނަމާ އަދި މިސްރާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ބްރެޒިލްގެ ވޯލްޑް ކަޕް ފުރަތަމަ މެޗުގައި ޖޫން 14 ގައި ނިއު ޖާޒީގައި ބައްދަލުކުރާނީ އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާއެވެ.

ގްރޫޕް ސީގައި ބްރެޒިލް އާއި މޮރޮކޯގެ އިތުރުން ހިމެނެނީ ހެއިޓީ އާއި ސްކޮޓްލޭންޑެވެ. މިވަގުތު މުޅި ބްރެޒިލް އިންތިޒާރު ކުރަމުންދަނީ ނޭމާގެ މެޑިކަލް ރިޕޯޓަށެވެ.