ހޭދަކުރުމުގައި އިޤުތިޞާދުކުރުމާއި އިސްރާފުން ދުރުހެލިވުމަށް އިލްތިމާސްކޮށްފި
އިސްރާފުކުރުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއްކަން ހަނދާންކޮށްދީ، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އިޤުތިޞާދީ ވިސްނުމެއް ގެންގުޅުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައި ވެސް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ކަމަށާއި، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުމަކީ އެއްވެސް ހާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫންކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ދުނިޔޭގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲގެ މިލްކެއްކަމާއި، އިންސާނުންނަށް ދެއްވާފައިވާ މުދަލަކީ އެކަލާނގެ އަޅުތަކުން އިމްތިހާނުކުރެއްވުމަށް ޓަކައި ޙަވާލުކުރައްވައިފައިވާ އަމާނާތެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެހެންކަމުން މުދާ ހޯދުމުގައާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެކެވެ. ޚިޔާނާތާއި، ވައްކަމާއި، ރިބާ ފަދަ ޙަރާމް ގޮތްގޮތުން މުދާ ހޯދުމަކީ ނުރައްކާތެރި ފާފައެއްކަން ވެސް ބަޔާންކުރިއެވެ.
ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމުގައި ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމަކީ އަތްމަތި ދަތިވުމުގެ މައިގަނޑު އެއް ސަބަބު ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ. ޚާއްޞަކޮށް ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހޭނެއެވެ. ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ލިބޭނެއެވެ.
ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރުމުގެ ނުރައްކާތެރިކަމާ މެދު ކީރިތި ރަސޫލާގެ ޙަދީޘެއްގެ އަލީގައި ޚުޠުބާގައި އިންޒާރު ދެއްވިއެވެ. "ހަމަކަށަވަރުން މާތް ﷲ ދެއްވައިފައިވާ މުދާ، ޙައްޤު ނޫން ގޮތުގައި ހޭދަކުރާ ބަޔަކު ވެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުއްޓެވެ!" މި ޙަދީޘްގެ މާނައިގައިވެއެވެ. އެހެންކަމުން ބޭނުންވާ ވަރަށް ވުރެ އިތުރަށް މުދާ ގަނެ، ބޭނުންނުކޮށް އުކާލަން ޖެހުމަކީ އިސްރާފުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ތިމާއަށް ލިބޭ މުދަލުގައި އަނބިދަރީންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންގެ ޙައްޤުތަކެއް ވާކަން ދަނެ، އެ ޙައްޤުތައް އަދާކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ދުނިޔޭގައި ލިބޭ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެކަން ހަނދާންކޮށްދީ، އިޤުތިޞާދުކޮށް ދިރިއުޅުން ބައްޓަންކުރާ ބަޔަކު ކަމުގައި ވުމަށް އެދި ދުޢާކޮށްފައެވެ.
Ads by MACL
