އިސްލާމިކް ޔުނިވަރސިޓީގެ ދެވަނަ ސެމިސްޓަރުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
މިއަހަރުގެ ދެވަނަ ސެމިސްޓަރުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަފާތު އެކި ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޔުނިވަރސިޓީން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
އަލަށް ހުޅުވާލި މި ފުރުސަތުގެ ދަށުން އެކި ފަންތީގެ ޖުމްލަ 67 ކޯހަކަށް ވަނުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މި ފަހަރު ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ޤުރުއާނާއި ޚަދީޘް، ޝަރީޢާއާއި ޤާނޫނު، ފިޤުހު، އިސްލާމިކް ސްޓަޑީސްގެ އިތުރުން އިމާމްޝިޕާއި ލެންގުއޭޖް އެޑިއުކޭޝަން ހިމެނެއެވެ. މީގެ އިތުރުން ފައިނޭންސް، އެކައުންޓިން، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް އަދި ޖާނަލިޒަމްގެ ދާއިރާތަކުންވެސް ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
މި ފަހަރުގެ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ ކޯހަކާއި، މާސްޓާސް ލެވެލްގެ 15 ކޯހެއްގެ އިތުރުން ބެޗެލާސް ލެވެލްގެ 16 ކޯހެއް ހިމެނޭއިރު، ޑިޕްލޮމާ އަދި ސެޓްފިކެޓް ފަންތީގެ ގިނަ ކޯސްތަކެއްވެސް ހިމެނެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝިނާ ވިދާޅުވި ގޮތުގައި، މިއީ އަލަށް އޭލެވެލް ނިންމި ކުދިންނަށް މަތީ ތައުލީމަށް ވާސިލްވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.
މާލޭގައި ހުންނަ މެއިން ކެމްޕަހުގެ އިތުރުން، ރާއްޖޭގެ ހަތް ރަށެއްގައި ގާއިމްކޮށްފައިވާ ކެމްޕަސްތަކުގައިވެސް މި ކޯސްތައް ކުރިއަށްދާނެތީ، ދަރިވަރުންނަށް އަމިއްލަ ރަށުގައި ތިބެގެން ކިޔެވުމުގެ މަގު ފަހިވެގެންދާނެއެވެ. އެގޮތުން ރ. އުނގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ގދ. ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ މީދޫ އަދި މަރަދޫފޭދޫ ކެމްޕަހުގައި މި ކޯސްތައް ކުރިއަށްދާނެއެވެ.
ޑރ. ޝިނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކެމްޕަސްތަކަށް ހާޒިރުވެގެން ކިޔެވުމުގެ އިތުރުން ވާޗުއަލްކޮށް އަދި އޮންލައިންކޮށްވެސް ކިޔަވައިދިނުމުގެ ބައިތައް ކުރިއަށްދާނެއެވެ. ޚާއްޞަ ކޯސްތަކަށް އަލިއަޅުވާލައްވަމުން އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހިންގާ "ޑިޕްލޮމާ އިން ސްޕެޝަލް އެޑިއުކޭޝަން" ކޯހުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު ޞާލިހް ވިދާޅުވީ، ސެޓްފިކެޓް ލެވެލް 4 ގެ "ސްޕިރިޗުއަލް އިންޓަލިޖެންސް ކައުސިލިން" ކޯހަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކައުސިލިން ދިނުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ހިންގާ މުހިންމު ކޯހެއް ކަމަށެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމު އައިޔޫއެމްގެ ޕޯޓަލް މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޔުނިވަރސިޓީގެ ހޮޓްލައިން ނަންބަރު 1405 ނުވަތަ ވައިބަރ/ވަޓްސްއެޕް ނަންބަރު 7923247 އަށް ގުޅުމަށް އެ ޔުނިވަރސިޓީން އިލްތިމާސްކުރެއެވެ.
Ads by MACL
