އީދުގެ އުފާވެރިކަން އިތުރުކުރުމަށް ވިލިމާލެ ބޭރުން މިރޭ ހަވާ އަރުވަނީ
މިހާރު ކުރިއަށްދާ އަޟުހާ އީދުގެ މުނާސަބަތާ ގުޅުވައިގެން، ވިލިމާލެއާ ދިމާ ބޭރުން ކުލަގަދަ ހަވާއެރުވުމުގެ ހަރަކާތެއް މިރޭ ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ނިންމާފައެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ހަވާއެރުވުން ކުރިއަށް ދާނީ މިރޭ 9:15 އާއި 9:45 އާ ދެމެދުގެ ވަގުތެއްގައެވެ.
އާންމުންނަށް މި މަންޒަރު ބަލާލުމަށް ފުރުސަތު ހުޅުވާލާފައިވާ މި ހަރަކާތް ގާތްގަނޑަކަށް ފަސް މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއެވެ.
މިއަހަރުގެ އަޟުހާ އީދުގެ އުފާ ފާޅުކުރުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ކުރިއަށްދާއިރު، މީގެ ކުރިން މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އާޓިފިޝަލް ބީޗުގައިވެސް ވަނީ ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
މިރޭ ވިލިމާލެ ސަރަހައްދުގައި ބާއްވާ މި ހަވާއެރުވުމަކީ، އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނާއި، އީދު ޗުއްޓީއަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ހާއްސަ އަދި ހިތްގައިމު ހަދިޔާއަކަށް ވެގެންދާނެއެވެ.
Ads by MACL
