ހިމަބިހި ފެތުރުން ހުއްޓުވަން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ އާންމުންނަށް ވެކްސިން ދޭން އެޗްޕީއޭއިން ފަށަނީ
ރާއްޖޭގައި ހިމަބިހި (މީސްލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެ ބަލިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ރާއްޖެއަށް ވެކްސިން ގެނައުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލާފައިވާ މި ބަލި އަލުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވެސް ބަލިޖެހިފައިވާ މީހުންނާއި، އެމީހުންނާ ދިމާވި ކޮންޓެކްޓުންގެ އިތުރުން ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދެމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް 9 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 6 ކޭސް ފެނިފައިވަނީ ހަމައެކަނި މި ހިނގާ މެއި މަހުގެ ތެރޭގައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިތުރު އާންމުންނަށް ވެކްސިން ދިނުމަށް ބޭނުންވާ ޝިޕްމަންޓް ގެނައުމުގެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.
Ads by BMLއާންމުކޮށް ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިވުމަށްދޭ އެމްއާރް ވެކްސިންގެ ފުރަތަމަ ޑޯޒް ކުދިންނަށް ދެނީ އުމުރުން 9 މަހުގައެވެ. އަދި ދެވަނަ ޑޯޒް ދެނީ 18 މަސް ފުރުމުންނެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި ދެ ޑޯޒް ފުރިހަމަކުރުމުން ބަލި ޖެހުމުގެ ފުރުސަތު 97% ކުޑަކޮށްދެއެވެ.
އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވި ގޮތުގައި ވެކްސިންގެ ދެ ޑޯޒް ޖެހި ނަމަވެސް ބަލި ޖެހުމުގެ ކުޑަ ފުރުސަތެއް އޮވެއެވެ. ނަމަވެސް، ވެކްސިން ފުރިހަމަކޮށްފައި ހުއްޓާ ބަލި ޖެހުނު ނަމަވެސް، އޭގެ ސަބަބުން ބަލީގައި ބޮޑުވަރުވުމުން ސަލާމަތްކޮށްދޭނެއެވެ. އެހެންކަމުން ދެ ޑޯޒް ހަމަކުރިކަން ކަށަވަރުނުވާ އެންމެހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން މި ބަލީގެ ކޭސްތައް ފެންނަމުންދާއިރު، ސަރަހައްދީ ގައުމުތައް ކަމަށްވާ އިންޑިއާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ވެސް މި ފަހަކަށް އައިސް ހިމަބިހި ޖެހިގެން ގިނަ ބަޔަކު މަރުވަމުންދާކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ވެސް މީގެ ކުރިން 2017 ވަނަ އަހަރު މި ބަލި ފެތުރުމާ ގުޅިގެން ހާއްސަ ވެކްސިން ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
Ads by MACL
