އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާކުރި އަފްލަހުގެ މައްޗަށް 6 ދައުވާއެއް އުފުލައިފި
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ، އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، "ބްރައިޓް މައިންޑްސް" ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ބޮޑު ހަ ދައުވާއެއްކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ކޯޓަށް ފޮނުވި މި މައްސަލައިގައި އަފްލަހުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުންނެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އަފްލަހުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ތިން ދަޢުވާއަކާއި، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެއް ހިމެނެއެވެ. މީގެ އިތުރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ދައުވާގެ އިތުރުން، ތަހުގީގަށް ހުރަސްއަޅާފައިވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަފްލަހު ވަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން، ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކޮށްފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު އޭނާ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނީ އިންޑިއާގެ މުމްބާއީން ފްލައިޓެއްގައި އެނބުރި ރާއްޖެ އައި ވަގުތު އެއާޕޯޓުންނެވެ. މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި އަފްލަހު މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
Ads by MACL
