ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޭމާ ވޯލްޑް ކަޕް ސްކޮޑުން ބޭރު ނުކުރާނެ ކަމަށާއި އޭނާ ކުޅޭނެ ކަމުގެ ޔަގީންކަން އަންޗެލޮޓީ ދީފި

ނޭމާ ވޯލްޑް ކަޕް ސްކޮޑުން ބޭރު ނުކުރާނެ ކަމަށާއި އޭނާ ކުޅޭނެ ކަމުގެ ޔަގީންކަން އަންޗެލޮޓީ ދީފި

އަނިޔާގައި ހުރި ނަމަވެސް ބްރެޒިލްގެ ތަރި ނޭމާ ވޯލްޑް ކަޕް ސްކޮޑުން ބޭރު ނުކުރާނެ ކަމަށާއި، އޭނާ މުބާރާތުގައި ކުޅޭނެ ކަމުގެ ޔަގީންކަން ކޯޗު ކާލޯ އަންޗެލޮޓީ ދީފިއެވެ.

ބްރެޒިލްގެ ކޯޗު އެންޗެލޮޓީ އެ ޔަގީން ކަން ދިނީ ބްރެޒިލް ޓީމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ކޯޗު ބުނީ ނޭމާ އާއި ގުޅިގެން ވަރަށް ގިނަ ގޮތްގޮތަށް މީޑިއާތަކުގައި ވެސް ވާހަތައް އެބަ ދެކެވޭ ކަމަށާއި އެހެން ނަމަވެސް އެފަދަ ބާހަތައް ފަތުރަން ވާނީ ކަމުގެ ހަގީގަތާއި އެއްގޮތަށް ކަމަށް ބުންޏެވެ. އަދި މިއީ ނޭމާގެ އަނިޔާއާ ގުޅިގެން އޭނާއަށް މުބާރާތުގައި ނުކުޅެވިދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ދިން ރައްދެއް ކަމަށް ވެސް ކޯޗު ބުންޏެވެ.

އަންޗެލޮޓީ ބުނީ ބްރެޒިލްއިން ވޯލްޑް ކަޕްގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް ނޭމާ ފިޓްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ފުރަތަމަ މެޗަށް އޭނާ ތައްޔާރު ނުވެވިއްޖެ ނަމަ، ދެވަނަ މެޗަށް އޭނާ ފިޓްވަންދެން މަޑުކުރާނެ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

"އަހަރެމެން އުންމީދު ކުރަނީ މޮރޮކޯއާ ދެކޮޅަށް ބްރެޒިލް ކުޅޭ ފުރަތަމަ މެޗަށް ނޭމާ ފިޓްވާނެ ކަމަށް. އޭނާއަށް އެ މެޗަށް ނާދެވިއްޖެ ނަމަ، އަހަރެމެން މަޑުކުރާނީ ދެވަނަ މެޗަށް. އަހަރެމެން އެއްވެސް ކުޅުންތެރިއަކު ސްކޮޑުން ބޭރު ނުކުރާނަން،" އަންޗެލޮޓީ ބުންޏެވެ.

މި ނިންމުމާއެކު، ސްކޮޑުން އެއްވެސް ކުޅުންތެރިއަކު އުނިކޮށް އެހެން ކުޅުންތެރިއަކު އިތުރު ނުކުރާނެކަން މިވަނީ ކަށަވަރުވެފައެވެ. ބްރެޒިލްގެ ޓީމުން މިހާރު އަމާޒު ހިފާފައިވަނީ ނޭމާގެ ރިކަވަރީ ފުރިހަމަކޮށް، މުބާރާތުގެ މުހިންމު މަރުހަލާތަކުގައި އޭނާގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށެވެ.