މާލޭ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފި
މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި ވަރުގަދަ ކުރިމަތިލުމެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އެ ޖިނާއީ އަމަލު ހިންގި މީހުން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން މިރޭ ރަސްމީކޮށް ފަށައިފި އެވެ.
މިއަދު އާންމުންގެ ސަމާލުކަމަށް އައި އެ ވީޑިއޯއިން ފެންނަނީ ހައެއްކަ ބިދޭސީ ފިރިހެނުން ހިމެނޭ ގްރޫޕަކުން އާޓިފިޝަލް ބީޗުގައި އެކަކު އަނެކަކަށް ރަހުމެއް ނެތް ގޮތަކަށް ހަމަލާދީ، ތަޅާފޮޅައި ބޮޑެތި އަނިޔާތަކެއް ދެމުންދާ ހާސްކަން ބޮޑު މަންޒަރުތަކެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ މައްސަލަ ވަކި ފަރާތަކުން ރަސްމީކޮށް އެ އިދާރާއަށް ހުށަނޭޅި ނަމަވެސް، ސޯޝަލް މީޑިއާގެ ޒަރީއާއިން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިއީ އާންމު މަސްލަހަތު ގެއްލޭ ފަދަ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށާއި، ކުށްވެރިވާ ފަރާތްތަކާމެދު އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަދި ކުށްތަކަށް އަރައިގަންނަ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، މީގެކުރިން ވެސް މިފަދަ މާރާމާރީތަކާއި އެކި ކުށްތަކުގައި ބައިވެރިވި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، އިމިގްރޭޝަނާ ގުޅިގެން ރާއްޖެއިން ޑީޕޯޓުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
Ads by MACL
