ވަކިކުރާ ޖަލްސާ ފަށަން ތައްޔާރުވެފައިވަނިކޮށް ނާޒިމް އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރާ ޖަލްސާ މިއަދު ބާއްވަން ނިންމާފައި ވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.
މިއަދު (31 މެއި 2026) ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް އަމާޒުކޮށް ފޮނުއްވި ސިޓީގައި ނާޒިމް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLނާޒިމްގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާގެ ޒިންމާތައް އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއެކު ކަމަށެވެ. އެއްވެސް މެންބަރެއްގެ ވާޖިބަށް ހުރަސްއަޅާފައި ނުވާނެ ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނަގާފައި ނުވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.
އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އޭނާ ވަކިކުރަން ހުށަހަޅާފައިވުމުން، އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން އެންމެ ތަހުޒީބީ ގޮތް ކަމަށް ދެކޭތީ ކަމަށެވެ. "އިންތިޚާބީ މަޤާމަކަށް ވޯޓުލީ އެންމެންހެން އެ މަޤާމުން އެ މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަ ދިނުމަކީ ޑިމޮރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއްކަމުގައި ދެކެމެވެ،" ނާޒިމްގެ ސިޓީގައިވެއެވެ.
ނާޒިމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. ނަމަވެސް، މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by MACL
