ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަހި ފުލެޓުތަކުގެ ރަށްވެހިކަން ބަދަލުކުރުމުގެ ސިޓީ ދޫކުރަން ފަށައިފި، ވީހާވެސް އަވަހަށް ހުށަހެޅުމަށް އިލްތިމާސްކޮށްފި

ފަހި ފުލެޓުތަކުގެ ރަށްވެހިކަން ބަދަލުކުރުމުގެ ސިޓީ ދޫކުރަން ފަށައިފި، ވީހާވެސް އަވަހަށް ހުށަހެޅުމަށް އިލްތިމާސްކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފުލެޓު ލިބުނު ފަރާތްތަކަށް މާލޭ ރަށްވެހިންގެ ރަޖިސްޓަރީއަށް ބަދަލުވުމަށް ބޭނުންވާ ސިޓީ ދޫކުރަން ފަށާފައިވާތީ، ލަސްނުކޮށް އެ މިންވަރަށް މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ފަހި ޔޫނިއަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލެޓުތަކުގެ ހައްގުގައި މަސައްކަތްކުރާ އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ފުލެޓުވެރިން މާލެއަށް ރަޖިސްޓްރީވުމަށް ސިޓީ ކައުންސިލަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިހާރު އެފްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މި ބަދަލާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް މީގެ ކުރިން ވިދާޅުވެފައިވަނީ، ފުލެޓުވެރިންނަށް އެއްވެސް އިތުރު ކަރުދާހެއް ހުށަހަޅަން ނުޖެހޭ ގޮތަށް ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްގެން އޮންލައިންކޮށް ހުރިހާ ލިޔެކިޔުމެއް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ ކުރިން ފަހި ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަން ބަދަލުނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވަނީ ސިޓީ ކައުންސިލުން އެކަން ނުކޮށްދީގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވެސް ކުރިން ވިދާޅުވެފައިވެއެވެ.

ފަހި ޔޫނިއަނުން ފާހަގަކުރި ގޮތުގައި މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި ނުހިމެނި ދިގުލައިގެން ދިއުމުގެ ސަބަބުން ފުލެޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް ގިނަގުނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ. އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް އިތުރު ތަކުލީފެއް ނުޖައްސައި، ވީހާވެސް އަވަހަކަށް ރަށްވެހިކަމުގެ ރަޖިސްޓްރީ ފުރިހަމަކޮށްދިނުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ކުރީގެ ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި މި ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކު އެ ފުލެޓުތަކަށް ބަދަލުވެ ދިރިއުޅެން ފަށާފައިވާއިރު، ރަށްވެހިކަމުގެ މައްސަލައަކީ މިހާރު އެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ.