ޑަބްލިއުއެޗްއޯގެ ލަފަޔާ އެކު ސިނގިރޭޓް ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރަން ސަރުކާރުން މަޝްވަރާ ފަށަނީ
ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ދީފައިވާ ލަފަޔާ އެއްގޮތަށް ބަދަލުތަކެއް ގެނައުމާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ރަސްމީ މަޝްވަރާތައް ފެށުމަށް ނިންމައިފި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޑަބްލިއުއެޗުއޯ އިން ހަދާފައިވާ ދިރާސާއަކަށް ފަހު 2026 ވަނަ އަހަރަށް ރާއްޖެއަށް ސިނގިރޭޓުގެ ސްޕެސިފިކް ރޭޓް 4 ރުފިޔާގައި ހިފެހެއްޓުމަށް ރިކޮމެންޑް ކޮށްފައިވާ ކަމަށާއި އެއީ މިހާރު ވެސް ސަރުކާރުން މުރާޖައާ ކުރަމުން އަންނަ ރޭޓެއް ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިނގިރޭޓުގެ ޑިއުޓީ 3.30 ރުފިޔާ އިން 8 ރުފިޔާ އަށް ބޮޑުކުރަން ސަރުކާރުން ނިންމީ ކޮންމެހެން ކުރަންޖެހުނު އުނދަގޫ ކަމެއްގެ ގޮތުގައެވެ. އެ ފިޔަވަޅު އެޅީ ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން، އޭރު ވޭޕް ބޭނުންކުރަމުންދިޔަ މީހުން ކުއްލިއަކަށް ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް އޭރު ހެދި ދިރާސާތަކުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ދުންފަތް ކޮންޓްރޯލް ކުރުމުގެ އުކުޅެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޑިއުޓީ ރޭޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުން އަބަދުވެސް ކުރާނެ ކަމެއްކަން ހާމަކުރައްވަމުން އިހުސާން ވިދާޅުވީ، އެ ރޭޓުތައް އަބަދުވެސް ކަނޑައަޅާނީ އެއިރެއްގައި ހަދާ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށެވެ. އެގޮތުން ޑިއުޓީ ރޭޓަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މި މަޝްވަރާތަކަށް ފަހު ސިނގިރޭޓުގެ ޑިއުޓީ ރޭޓަށް ބަދަލު ގެންނަން ހުރިހާ ފަރާތްތަކުން އެއްބަސްވާ ނަމަ، ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ހުށަހެޅުން ރަސްމީކޮށް ފޮނުއްވާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
Ads by MACL
