ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ ނިޒާމެއް ހަތަރު މަސް ތެރޭގައި ޤާއިމުކުރަނީ
ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެއްޗާއި ޤަވާއިދާ ޚިލާފު އެހެނިހެން ސާމާނު ބޯޑަރުން ހުއްޓުވުމަށްޓަކައި، ކޮންޓެއިނަރުތައް ކަނޑާނުލައި ހުރިގޮތަށް ސްކޭން ކުރެވޭނެ ފުލް ކޮންޓެއިނަރ ސްކޭނަރެއް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖެ ގެނެސް އޮޕަރޭޝަނަށް ނެރުމަށް ސަރުކާރުން ނިންމައިފިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
މި އައު ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ރާއްޖޭގެ މައި ބަނދަރުގައި މިހާރުވެސް ދަނީ ހިންގަމުންނެވެ. މި ސްކޭނަރުގެ އެހީގައި، ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅޭ ތަކެތި، ޚާއްޞަކޮށް މަސްތުވާތަކެއްޗާއި ވޭޕް ފަދަ މުދާ ދެނެގަތުމުގެ ޤާބިލުކަން މިހާރަށްވުރެ އެތައް ގުނައެއް އިތުރުވެ، ބޯޑަރު ކޮންޓްރޯލް ވަރުގަދަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން މިހާރުވެސް އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ވަރަށް ގާތުން ބަލަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަހަކަށް އައިސް އަތުލައިގަނެވޭ މަންދުވާތަކެތީގެ މިންވަރު އިތުރުވުމަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ހަރުދަނާކަން ދޭހަކޮށްދޭ ހެއްކެއް ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، އެދާއިރާގައި މަސައްކަތްކުރާ ހުރިހާ މުއައްސަސާތަކެއް މިހާރު ވަނީ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައެވެ.
މި ބަދަލާއެކު، ވައިގެ މަގުން ރާއްޖެއަށް އެތެރެވާ ހުރިހާ ޕެކޭޖުތަކެއް ސްކޭން ކުރަން ފަށާފައިވާ އިރު، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެކަނިވެސް 1,294 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
Ads by MACL
