ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޓަލީގެ ރައީސްގެ ޝަރަފުގެ މެޑަލް ފިންލެންޑުގެ ތިން ޑައިވަރަކަށް އަރުވައިފި

 ފިންލެންޑްގެ 3 ޑައިވަރުން. --- ފޮޓޯ: ޑޭން
ފިންލެންޑްގެ 3 ޑައިވަރުން. --- ފޮޓޯ: ޑޭން

ރާއްޖޭގެ ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން އުޅެނިކޮށް މި މަހުގެ 14 ވަނަ ދުވަހު މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑުތައް ކަނޑުގެ ފުނުން ނެގުމުގައި ހަރަކާތްތެރިވި ފިންލެންޑުގެ ތިން ޑައިވަރަކަށް އިޓަލީގެ ރައީސް ސާޖިއޯ މެޓަރެއްލާ ޚާއްޞަ ޝަރަފުގެ މެޑަލްއެއް އަރުވައިފިއެވެ.

ޔޫރަޕުގެ ޑޭން ކުންފުނިން ހަމަޖެއްސި މި ޓީމުގައި ހިމެނޭ ސާމީ ޕާކެރިނެން، ޖެނީ ވެސްޓަލަންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓަށް އެ ގައުމުން އަރުވާފައިވަނީ އެންމެ މަތީ އެއް ޝަރަފު ކަމަށްވާ "އޯޑަރު އޮފް މެރިޓް އޮފް ދަ އިޓާލިއަން ރިޕަބްލިކް" އެވެ.

މި ހާދިސާގައި ދުނިޔެ ދޫކުރި އިޓަލީގެ ފަތުރުވެރިންގެ ތެރެއިން ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ހާދިސާ ހިނގި ދުވަހު ދިވެހި ސިފައިން ނަގާފައިވާއިރު، ބާކީ ތިބި މީހުންގެ ހަށިގަނޑުތައް ހޯދާފައިވަނީ 165 ފޫޓު އަޑީގައި އޮތް ތިން ޗެމްބަރުގެ ހޮހަޅައިގެ އެންމެ ފުނުންނެވެ. މިގޮތުން މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކާލް، މުރީއެލް އޮޑެނިނޯ، އަދި ފެޑެރީކޯ ގުއަލްޓިއަރީގެ ހަށިގަނޑު ނެގުމުގެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވަނީ ފިންލެންޑުގެ މި ތިން ޑައިވަރުންނެވެ.

މި މެޑަލް ލިބުމާ ގުޅިގެން ޑައިވަރު ޕެޓްރިކް ގްރޮންކްވިސްޓް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިއީ އެމީހުންނަށް މުޅިން އާދައިގެ އޮޕަރޭޝަނަކަށް ވީނަމަވެސް، މިފަދަ މަތިވެރި ޝަރަފެއް ދުނިޔޭގެ ފެންވަރުގައި ލިބުމުން ވަރަށް ބޮޑަށް އަޖައިބުވި ކަމަށެވެ. އެހެންނަމަވެސް އެމީހުން ދެއްކި ހިތްވަރަށް އިޓަލީގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު ސަމާލުކަމާއި ތައުރީފަށްޓަކައި އުފާކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.