ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެ ކައިރީގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް

މިއަދު ހިނގި އެކްސިޑެންޓުގައި ހަލާކުވި އެެއް ލޯންޗު-- ފޮޓޯ: އެމްއެންޑީއެފް
މިއަދު ހިނގި އެކްސިޑެންޓުގައި ހަލާކުވި އެެއް ލޯންޗު-- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ އިއްޒުއްދީން ފާލަމާ ދިމާލުން ބޭރުން ފަޅަށް ވަންނަ ސަރަހައްދުން މިއަދު ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންނެވެ.އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ދެ މީހުންނާއެކު ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެހެން ލޯންޗެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްވި ވަގުތު އެ ލޯންޗުގައި ތިބީ ދެ ފަޅުވެރިން އެކަނި ކަމަށްވެސް ސިފައިން ބުނެއެވެ.

މި ބާރުގަދަ އެކްސިޑެންޓުގައި އެއް ލޯންޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އެގޮތުން އެ ލޯންޗުގެ ކުރީކޮޅު އެއްކޮށް ފުނޑުފުނޑުވެފައިވާ އިރު، ސިފައިންގެ ކޯސްޓްގާޑުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.