ރާއްޖޭގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާގެ ބައެއް އެޕްތައް މަނާކުރަނީ
ރާއްޖޭގައި ވަކި ކަނޑައެޅޭ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކެއް އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށްޓަކައި ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމަވައި، އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ނިންމުން ތަންފީޒު ކުރުމުގައި މުޖުތަމަޢާ ގުޅުންހުރި މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލު ގެނައުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ސޯޝަލް މީޑިއާ ހިންގާ ބޮޑެތި ކުންފުނިތަކާ އެކު ކުރަންޖެހޭ މުއާމަލާތްތައް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކުޑަކުދިން ސޯޝަލް މީޑިއާއިން ރައްކާތެރިކުރުމަށް ރާއްޖޭގައި ތައާރަފުކުރާ މިންގަނޑުތައް ބައްޓަންކުރާނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާ އޮސްޓްރޭލިއާގެ މޮޑެލްއަށް ބަލައިގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އޮސްޓްރޭލިޔާގެ މިންގަނޑުތައް ރާއްޖެއަށް ފެތޭނެ ގޮތަކަށް ގާނޫނީ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެއެވެ.
Ads by BMLމި އިސްލާހީ މަސައްކަތްތައް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. ނަމަވެސް، އަމަލީ މަސައްކަތްތައް ބާރުގަބޫލުގައި ކުރިއަށްދާ ނަމަ، މިއަހަރުގެ ތެރޭގައިވެސް މި މަނާކުރުންތައް ތަންފީޒު ކުރަން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ބަޔާންކުރެއްވި ގޮތުގައި މިއީ ޑިޖިޓަލް ވަސީލަތްތަކާ ދެކޮޅަށް ކުރެވޭ ކަމެއް ނޫނެވެ. މި ފިޔަވަޅުގެ މައިގަނޑު އަމާޒަކީ އޮންލައިން ގްރޫމިންގ ފަދަ ނުރައްކާތެރި ކަންކަމުންނާއި އިންޓަނެޓްގެ ސަބަބުން ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކުން ކުޑަކުދިން ސަލާމަތްކޮށް، އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.
މި ބަދަލުތައް ގެނައި ނަމަވެސް، ރާއްޖެއަކީ އޭއައި ބޭނުންކުރާ ޑިޖިޓަލް މުޖުތަމައަކަށް ހެދުމުގެ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި އިންޓަނެޓްގެ ޒަރީޢާއިން ތަޢުލީމު އުނދެގުމާއި، ބޭނުންތެރި މަޢުލޫމާތު ހޯދުމަށް އެއްވެސް ކަހަލަ ހުރަހެއް އެޅިގެން ނުދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by MACL
