ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ސިޔާސީ މަޝްވަރާތަކެއް ނުކުރައްވާ: މުހުތާޒު މުޙުސިން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ޢާއިލާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ބަޔަކާ ބައްދަލުކުރައްވައި ސިޔާސީ މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި، އެ ދަތުރުފުޅުގައި އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްއުސްތާޛު މުހުތާޒު މުޙުސިނު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ކުރިން ޕީޖީގެ މަގާމުވެސް އަދާކުރެއްވި މުޙުތާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ޢާއިލާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ބަޔަކާ ބައްދަލުކުރައްވައި ސިޔާސީ މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ފަތުރަމުންދަނީ މުޅިން ހަގީގަތާ ޚިލާފު ދޮގުވާހަކަތަކެއް ކަމަށެވެ.
އެދަތުރުފުޅުގެ ކަންކަން އެންމެ ގާތުން ދުށް މީހެއްގެ ހައިސިއްޔަތުކަމަށް ވިދާޅުވެ މުހުތާޒު އިތުރަށް ވިދާޅުވީ އެދަތުރުފުޅުގައި ރައީސް ހުރިހާ ވަގުތެއް ހޭދަކުރެއްވީ އާއިލާއާ އެކުގައި ކަމަށެވެ.
މުޖުތަމަޢުގެ ތެރޭގައި ސިޔާސީ ފިތުނަވެރިކަން އުފެއްދުމުގެ ބޭނުމުގައި ފަތުރަމުންދާ މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށާއި، އެފަދަ ނޭދެވޭ ކަންކަމުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާވަނީ ފާހަގަކުރައްވާފައެވެ.
Ads by MACL
