ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތި ވިއްކި މައްސަލައެއްގައި ގއ. ވިލިނގިލިން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ކުޑަކުދިން އެކްސްޕްލޮއިޓް ކުރާ ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ފުލުހުންގެ ބަންދަށް އިތުރުކޮށްފިއެވެ.
މި ދެ މީހުން އަތުލައިގަނެފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ނެޓްވޯކްތަކާ ދެކޮޅަށް، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މެއި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި ހާއްސަ ހަރަކާތުގައި، ވިލިނގިލީގެ ހަތަރު ގެއެއް ބަލައިފާސްކޮށް 66.92 ގްރާމްގެ މަސްތުވާތަކެތި ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53.91 ގްރާމް ބްރައުން ޝުގަރގެ އިތުރުން 13.01 ގްރާމް މެތަފެޓަމިން ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ނެޓްވޯކެއްގެ އިސް ދެ ފަރާތް ކަމަށްވާ ގއ. ވިލިނގިލި، އެތެންސް، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި، އެ ރަށު ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޢަޠޫފް ޙަބީބް 15 ދުވަހަށް އަދި މުޙައްމަދު ރާއިފް ޙުސައިން 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، ކުށްކުށުގައި ބޭނުންކުރެވޭ ނާޒުކު ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުދިން ކުށްތަކުން ސަލާމަތްކުރުމަށް ހިންގުނު މުހިންމު މަސައްކަތެކެވެ. މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
Ads by MACL
