ޑައިމަންޑް ޖުބުލީ 2026: މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ޕާކިސްތާން އެއްވަރުވެއްޖެ
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ފެށި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ޕާކިސްތާން ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު ބަންގްލަދޭޝް އިން ނިންމާލަން ޖެހުނީ އެ ޓީމުގެ ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ ފަހު 30 ވަރަކަށް މިނިޓު ބަންގްލަދޭޝް އިން ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީ، މެޗުގެ 62 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން މޮންޖުރޫރް ރަހުމާނަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ޕާކިސްތާންގެ ކީޕަރު ޔޫސުފް އިޖާޒް ބަޓް އަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
Ads by BMLގަދަ ހޫނުގައި ކުޅުނު މި މެޗުގައި ބަންގްލަދޭޝްގެ ޒުވާން ސްކޮޑުން ވަނީ ޕާކިސްތާންގެ ތަޖުރިބާކާރު ކުޅުންތެރިންނާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި އިފްތިއާރު ހުސެއިން އަށް ލިބުނު ފުރުސަތު ޕާކިސްތާން ކީޕަރު މަތަކުރިއިރު، ނަޒްމުލް ހުދާ ފައިސަލް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
ޕާކިސްތާނުން ދެވަނަ ހާފުގައި އެޓޭކް ވަރުގަދަކޮށް ގިނަ ފުރުސަތުތަކެއް ހޯދި އެވެ. އެގޮތުން 56 ވަނަ މިނިޓްގައި އަލަމްގީރް އަލީ ހާން ގާޒީ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އަލީ ހައިދަރު ޝާހު ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ކީޕަރު މެހެދީ ހަސަން ސަރާބޯން ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ފަހުކޮޅު ބަންގްލަދޭޝްގެ ކުޅުންތެރިން ޕެނަލްޓީއެއް ހޯދުމަށް ފުލުފުލުގައި އެޕީލް ކުރި ނަމަވެސް، މެޗުގެ ރެފްރީ ރާއްޖޭގެ މުހައްމަދު ޖާވިޒް ނިންމީ ޕެނަލްޓީ ދޭވަރުގެ ފައުލެއް ނުހިނގާ ކަމަށެވެ. މި މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 9 ޖަހާއިރު ރާއްޖެ ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.
Ads by MACL
