ޑައިމަންޑް ޖުބުލީ 2026: ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ބަންގްލަދޭޝް ބަލިނުކުރެވުމުން ޕާކިސްތާން ކޯޗު ރަތަށް!
ރާއްޖޭގައި މިއަދު ފެށުނު ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުން، ޕާކިސްތާނުގެ ހެޑް ކޯޗު ނޮލްބާޓޯ ސޮލާނޯ ނުރުހުން ފާޅުކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި ބަންގްލަދޭޝްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާ ގުޅިގެން މެޗުގެ ބޮޑު ބައެއްގައި އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.
މެޗުގެ ތެރޭގައި ޕާކިސްތާނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަނެއްކޮޅުން ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ ވަރުގަދަ ޑިފެންސެއްކޮށް، މެޗުން ޕޮއިންޓެއް ކަށަވަރުކޮށްފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ސޮލާނޯ ބުނީ ނަތީޖާއާ މެދު އިންތިހާއަށް ދެރަވާ ކަމަށެވެ.
"ވަރަށް ބޮޑަށް މާޔޫސްވެ ދެރަވެއްޖެ، އަހަރެމެންނަށް އެއް ކުޅުންތެރިއަކު އިތުރަށް ލިބިގެން ކުޅުނުއިރުވެސް، އިތުރު ފުރުސަތުތައް ތަނަވަސްކުރަން އެ ފުރުސަތުގެ ބޭނުމެއް ނުހިފުނު،" ސޮލާނޯ ބުންޏެވެ.
ޕާކިސްތާނުގެ ކޯޗު ވަނީ ބަންގްލަދޭޝްއިން ދެއްކި ހިތްވަރަށާއި ކުރި ޑިފެންސަށް ތައުރީފުކޮށްފައެވެ.
"އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެ މެޗުން ޕޮއިންޓެއް ހޯދީތީ ބަންގްލަދޭޝްއަށް މަރުހަބާ ކިޔަން. އަހަރެމެން މާޔޫސްވަނީ ތިން ޕޮއިންޓަށް އުއްމީދުކޮށްގެން ތިބެމެ އެކަން ނުވީމަ،" އޭނާ އިތުރަށް ފާހަގަކުރިއެވެ.
މި ނަތީޖާއާއެކު ދެ ޓީމަށްވެސް ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ޕޮއިންޓެއް ލިބިފައެވެ. ބަންގްލަދޭޝްއިން ކުޅުންތެރިއަކު މަދުކޮށް ކުޅެ ދެއްކި ވަރުގަދަ ކުޅުމުގެ ސަބަބުން އެ ޓީމަށް އިތުރު އިތުބާރެއް ލިބިފައިވާއިރު، ޕާކިސްތާނަށް މިވަނީ ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވެފައިވާކަމުގެ އިހުސާސް ކުރެވިފައެވެ.
Ads by BMLޕާކިސްތާނުން މިހާރު ތައްޔާރުވަމުންދަނީ އެ ޓީމުގެ ކުރިއަށް އޮތް މެޗަށެވެ. ޑައިމަންޑް ޖުބިލީ މުބާރާތުގެ ތަށި ހޯދުމަށް މަސައްކަތްކުރާއިރު، އެ ޓީމުގެ އެޓޭކިންގް ކުޅުން މިހާރަށްވުރެ ރަނގަޅު ކުރަން ޖެހޭނެކަން ކޯޗު ސޮލާނޯ ގަބޫލުކުރެއެވެ.
Ads by MACL
