ޑައިމަންޑް ޖުބުލީ 2026: ރާއްޖެ ބަލިކޮށް ފުރަތަމަ މޮޅު އަފްޣާން އިން ހޯދައިފި
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗުގައި 1-0 އިން ރާއްޖެ ބަލިކޮށް، އަފްގާނިސްތާނުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއީ ރާއްޖެ އަތުން އަފްގާނިސްތާނުން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ރާއްޖޭގެ ޓީމަށް ކެޕްޓަން ބޭންޑް އަޅައިގެން އިރުޝާދު ދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ރާއްޖޭގެ ގަވާއިދުން ކެޕްޓަންކަން ކުރާ ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅެވޭއިރު، ރާއްޖޭގެ ފަހަތް ބެލެހެއްޓުމަށް މި މެޗުގައި ބޭނުންކުރީ މުޅިން އަލަށް ޕެއާއެއްގެ ގޮތުގައި ކުޅުނު އަމްދާން އަލީ (އެންޑީ) އާއި ހަސަން އީނާޒް (ބަކާ) އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އަފްގާނިސްތާނުން ބާރު ބޮޑުކުރި ނަމަވެސް، ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ހުށިޔާރުކަމާއެކު ބޯޅަތައް ދިފާއުކޮށްފައެވެ. ރާއްޖޭގެ ހަމްޕު އާއި އަހުޒަމް ރަޝީދު އަދި އިބްރާހިމް އައިސަމް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އަފްގާނިސްތާނުގެ ކީޕަރު ފައިސަލް އަހުމަދު ހަމީދީ ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.
Ads by BMLމެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 80 ވަނަ މިނިޓްގައެވެ. މި ލަނޑު އަފްގާނިސްތާނަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޯމަން ފާޒީއެވެ. އޭރިއާ ތެރެއަށް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ޑިފެންޑަރުން އަތުން ދޫވި ބޯޅަ، ފާޒީ ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފައެވެ. ލަނޑަށް ފަހު ރާއްޖޭން އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރުވި ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝް އާއި ޕާކިސްތާން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މުބާރާތުގެ ދެން އޮންނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ހަވީރު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި އެ ރޭ އަފްގާނިސްތާން ބައްދަލުކުރާނީ ޕާކިސްތާނާއެވެ.
Ads by MACL
