ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލެވުނު ހަމައެކަނި އަހަރަކަށް 2025 ވެއްޖެ

ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލެވުނު ހަމައެކަނި އަހަރަކަށް 2025 ވެއްޖެ

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަޕްލިމަންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ހަމަޖެއްސި ހަމައެކަނި އަހަރަކީ 2025 ވަނަ އަހަރު ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ.

މިނިސްޓްރީން ނެރުނު "ބަޖެޓު ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން، 2025 ވަނަ މާލީ އަހަރު ނިމިގެން ދިޔައީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދެއް ހަމަޖައްސައިގެންނެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު ބަޖެޓު ސަޕްލިމަންޓު ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިންވަރުގައި ބަޖެޓު ހިފެހެއްޓުނު ފުރަތަމަ ފަހަރެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި މައިގަނޑު އިސްކަމެއް ދީފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށެވެ. މީގެ އިތުރުން، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް ސިޔާސަތުތައް ބައްޓަންކުރެވުނުއިރު، މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތަކާއި ސަބްސިޑީތައް ދެމެހެއްޓުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.

އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ލަފާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ކުރިއެރުމަށް މަގުފަހިވީ ޓެކްސް ނޫން އާމްދަނީ އިތުރުވުމުންނެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ އިތުރުން ވޯކް ޕާމިޓް ފީ ހިމެނެއެވެ.

ދައުލަތުގެ އާމްދަނީ ބިނާވާ މައިގަނޑު އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމުގައިވާއިރު، މި ދާއިރާއިން ވެސް ވަނީ ބަޖެޓުގައި ލަފާކުރި މިންވަރާ ގާތްކުރާ ނަތީޖާއެއް ހޯދާފައެވެ. އެގޮތުން 2,248,120 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރިއިރު، ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2,246,516 ފަތުރުވެރިންނެވެ. މިއީ ލަފާކުރި އަދަދަށްވުރެ 0.1 އިންސައްތައިގެ ކުޑަ ތަފާތެއް ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ވަނީ ލަފާކުރި މިންވަރަށްވުރެ އިތުރުވެފައެވެ.

ޚަރަދުތައް ކުޑަކުރުމަށްޓަކައި ބަޖެޓު ތަންފީޒުކުރުމުގެ ކޮންޓްރޯލްތައް ހަރުދަނާކޮށް، ޕީ.އެސް.އައި.ޕީ މަޝްރޫއުތައް ހިންގާ އުސޫލަށް ބަދަލުތަކެއް ގެނައުމުގެ ނަތީޖާއެއްގެ ގޮތުން ޖުމްލަ ޚަރަދު ވަނީ ބޮޑުތަނުން ކުޑަކުރެވިފައެވެ. އެގޮތުން ޚަރަދު ހުންނާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު ޚަރަދު ހުރީ 44.2 ބިލިއަން ރުފިޔާގައެވެ. މިއީ ބަޖެޓުކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މީގެ އިތުރުން ފިސްކަލް ޑެފިސިޓްވެސް ވަނީ ލަފާކުރި މިންވަރަށްވުރެ ބޮޑުތަނުން ކުޑަކުރެވިފައެވެ. ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް އޮންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަސްލު ދަރަނި ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. މިއީ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބަލާއިރު އަހަރުން އަހަރަށް މިއީ 6.3 ޕަސެންޓޭޖް ޕޮއިންޓުގެ ދަށްވުމެކެވެ. މިއާއެކު، 2025 ވަނަ އަހަރަކީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެންމެ ދަށް ފިސްކަލް ޑެފިސިޓެއް ރެކޯޑުކުރެވުނު އަހަރަށް ވެގެންގޮސްފައިވާއިރު، މިއީ 2019 އިން 2025 އަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރުވެސްމެއެވެ.

ދައުލަތުގެ ދަރަނީގެ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން ބަލާނަމަ 129.8 އިންސައްތައެވެ. އަދި އެ އަހަރުގެ ތެރޭގައި ދަރަނީގެ އެކި މުއާމަލާތްތަކަށް ޖުމްލަ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ފައިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މާލީ ވުޒާރާއިން ބުނި ގޮތުގައި މި ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކަކީ ސަރުކާރުން އެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުގެ އިތުބާރު ބޮޑުވެ، ދައުލަތުގެ މާލިއްޔަތަށް އޮތް ބޮޑު ޕްރެޝަރު ވަރަށް ބޮޑަށް ކުޑަވެގެންދިޔައެވެ.