ރައީސް އަމިއްލަފުޅު ހައިސިއްޔަތުން ކުރެއްވި އެއްވެސް ދަތުރުފުޅަކަށް ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައެއް ނުވޭ: އިޤްބާލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު ދަތުރުފުޅުތަކާ ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޑިޒެންޝަލް ޕެލެސް އަލްފާޟިލް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އިޤްބާލް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ އެއްވެސް ބޭފުޅަކު އަމިއްލަފުޅު ޙައިސިއްޔަތުން މިހާތަނަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގައި ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްފައި ނުވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އޭގައި އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރު ތަކެއް ކަމުގައި ދަންނަވަމެވެ." އިޤްބާލް ވިދާޅުވިއެވެ.
އިޤްބާލް ވަނީ ޙަޤީޤަތާ ޚިލާފު މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.
ރައީސްގެ އަމިއްލަފުޅު ދަތުރުފުޅުތަކަށް ދައުލަތުން ޚަރަދު ނުކުރާ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުންދާއިރު، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ރައީސްގެ ސެކިއުރިޓީއާއި ޕްރޮޓޮކޯލް ކަންކަމަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކާ ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ.
Ads by MACL
