މ. އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް މި މަހު ފަހުކޮޅު ފަށަނީ؛ މުޅި ރާއްޖެ ގުޅާލުމާ ގާތަށް!
ރާއްޖޭގެ ރަށްތައް ހައިސްޕީޑް ފެރީގެ ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ހިންގާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް) މަޝްރޫޢުގެ ދަށުން، މ. އަތޮޅުގައި މި މަހުގެ ފަހުކޮޅު ފެރީގެ ޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
މިއީ މުޅި ރާއްޖެ އެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ކުރަމުންދާ މުހިންމު މަސައްކަތުގެ ދަށުން އެޅިގެންދާ ފާހަގަކޮށްލެވޭ ބޮޑު ފިޔަވަޅެކެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ކާމިޔާބުކަމާއެކު އާރްޓީއެލްގެ ޚިދުމަތް ފަށާފައެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހުރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމެވެ.
Ads by BMLމ. އަތޮޅުގައި ޚިދުމަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު، އެމްޓީސީސީން ދަނީ އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވަމުންނެވެ. މި ސެޝަންތަކުގައި، ފެރީގެ ޚިދުމަތް ބޭނުންކުރާނެ ގޮތާއި ޓިކެޓް ނަގާނެ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ދަނީ ޙިއްޞާކުރަމުންނެވެ.
އާރްޓީއެލް ފެރީގެ ނިޒާމަކީ ސިއްހީ ފަރުވާއާއި ވިޔަފާރި ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެކެވެ. ޚާއްޞަކޮށް، އަތްފޯރާފަށުގެ އަގުތަކެއްގައި މި ޚިދުމަތް ލިބުމަކީ ރައްޔިތުންނަށް މާލީ ގޮތުންނާއި ދިރިއުޅުމުގެ ފެންވަރުގެ ގޮތުން ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއް މި ވިއުގައ ފުޅާކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މ. އަތޮޅަށްފަހު ދެން ބާކީ އޮތީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ.
މި އަތޮޅުތަކުގައި ޚިދުމަތް ފެށުމާއެކު، މުޅި ރާއްޖެ އެއްމެދުވެރިއަކުން ގުޅާލުމުގެ ބޮޑު މަޝްރޫޢު އެއްކޮށް ފުރިހަމަވެގެންދާނެއެވެ.
Ads by MACL
