ރާއްޖޭގައި ހިމަބިހި ފެތުރެނީ: ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް، ކޮންޓެކްޓުންގެ އަދަދު 150 އިން މައްޗަށް!
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި (މީސަލްސް) އަށް މާލޭ ސަރަހައްދުން އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 11 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މި ކޭސްތަކާ ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކުގެ ތެރެއިން، ބަލި މީހުންނާ ދިމާވި މީހުންގެ އަދަދު މިހާރު ވަނީ 152 އަށް އަރާފައެވެ.
މި ބައްޔަކީ ކޮވިޑް-19 އާއި ޓީބީއަށްވުރެ ވެސް މާ ހަލުވިކޮށް ގައިންގަޔަށް އަރާ ބައްޔަކަށް ވެފައި، އަވައްޓެރި އިންޑިއާ އާއި ބަންގްލަދޭޝްގައި ވެސް ބާރަށް ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ބައްޔަށް ޝައްކުކުރެވޭ މީހުންނަށް ޚާއްސަ ޑެސްކުތަކެއް ހޮސްޕިޓަލްތަކުގައި ގާއިމުކޮށް، ވަކިން ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
Ads by BMLއެޗްޕީއޭއިން އިލްތިމާސްކުރަނީ ހުން އައުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ފަދަ ހިމަބިަހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށާއި، ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ އެދެވޭ މަގަކީ އެމް.އެމް.އާރް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. އެހެންކަމުން، ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ބާރުއަޅުއްވައެވެ.
Ads by MACL
