ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގެ 5 ޖެޓު ވައްޓާލައި، ޕާކިސްތާނުން ހުދު ދިދަ ނަގައިފި

އިންޑިއާގެ 5 ޖެޓު ވައްޓާލައި، ޕާކިސްތާނުން ހުދު ދިދަ ނަގައިފި

އިންޑިއާ ޕާކިސްތާނު މިހާރު ކުރާ ހަނގުރާމައިގައި އިންޑިއަން އެއަރ ފޯސްގެ 5 ޖެޓު ވައްޓާލައި ހުދު ދިދަ ނަގައިފިއެވެ.

ޕާކިސްތާނުގެ ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ރޭ ބަދަލުކުރި ހަމަލާތަކުގައި ޕާކިސްތާނުން ވަނީ އިންޑިއާގެ ފަސް މަތިންދާބޯޓާއި އެއް ޑްރޯން ވައްޓާލައިފައެވެ.

ކަޝްމީރުގައި ހުންނަ ޕާކިސްތާނާއި އިންޑިއާގެ ބޯޑަރު ނުވަތަ ލައިން އޮފް ކޮންޓްރޯލްގައި ބަދަލުކުރި ހަމަލާތަކުގައި އިންޑިއާގެ ސިފައިން ތިބި ޕޯސްޓުތަކަށް ވަރުގަދަ ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދެވުނު ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ޕޯސްޓުގައި ވަނީ ލައިން އޮފް ކޮންޓްރޯލްގައި ހުންނަ އަސްކަރީ ޕޯސްޓެއްގައި އިންޑިއާގެ ސިފައިން އަމާންދިނުމުގެ ގޮތުން ހުދު ދިދައެއް ވެސް ނެގި ކަމަށެވެ.

މި ވާހަކަތަކަށް ބާރު ދެއްވައި ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު އަތައުﷲ ތަރާރު ވިދާޅުވީ، ފުރަތަމަ އިންޑިއާ ސިފައިން ފިލީ ތަހުގީގުކުރުމުން ކަމަށާއި މިހާރު ހަނގުރާމައިގެ މައިދާނުން ވެސް ފިލަމުންދާ ކަމަށެވެ.

ތަހުގީގުން ފިލި ކަމަށް އޭނާ އިޝާރާތްކުރެއްވީ ޕަހަލްގަމްގައި ދިން ހަމަލާ ފުރިހަމައަށް ތަހުގީގުކުރަން އިންޑިއާއިން ބޭނުންނުވާ ކަމަށް ޕާކިސްތާނުން ބުނާ ވާހަކައާ ގުޅުވައެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އިންޑިއާއިން އަޅުވަނީ އެއްވެސް ހެއްްކެއް ނެތިއެވެ.

ކަޝްމީރުގެ ޕަހަލްގަމްގައި ދިން ނިރުބަވެރި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ރޭ އިންޑިއާއިން ޕާކިސްތާނަށް ދިން މިސައިލް ހަމަލާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވިދާޅުވީ، އެއްވެސް ކަމަކާ ނުލައި އިންޑިއާއިން ހަނގުރާމައިގެ އަމަލުތަކެއް ޕާކިސްތާނާ މެދު ހިންގާފައިވާ ކަމަށާއި އެ ހަމަލާގެ ސަބަބުން އާންމުން ޒަހަމްވެ އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވާ ކަމަށެވެ.

އެ އަމަލުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމަށާއި، އިންޑިއާގެ ފިނޑި އަމަލަކީ އދ. ގެ މުއާހަދާތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ނިރުބަވެރިކަމުގެ ނަން ބޭނުންކޮށްގެން އިންޑިއާއިން ދޮގު ވާހަކަތަކެއް ފަތުރައި ސަރަހައްދުގެ ސަލަމާތާއި ރައްކާތެރިކަން ނަގާލަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ރޭ އިންޑިއާއިން ވަނީ ޕާކިސްތާނުގެ ނުވަ ތަނަކަށް މިސައިލް ހަމަލާ ދީފައެވެ. ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާގެ ހަމަލާއަށް ރައްދުގައި އެކަށީގެންވާ ހަމަލާއެއް އެ ގައުމުން އިހްތިޔާރުކުރާ ވަގުތެއްގައި ދޭނެ ކަމަށެވެ.