ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގެންފި

މީގެ ކުރިން ނައްތާލި މަސްތުވާތަކެތި ޕެކެޓްތަކެއް -- ފޮޓޯ: ސަން
މީގެ ކުރިން ނައްތާލި މަސްތުވާތަކެތި ޕެކެޓްތަކެއް -- ފޮޓޯ: ސަން

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުއްޓެވެ. އަދި ޓެސްޓުތަކުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (Methamphetamine) ކަމަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު އެއްވެސް ތަފުސީލެއް، ނުވަތަ މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ކަސްޓަމްސްއިން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވަމުންދާތީ، އެފަދަ މައްސަލަތަކުގައި ދިވެހިންނާއި ބިދޭސީންވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގެނައި އިސްލާހަށް މިއަހަރުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.