2023ގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވީ ވައުދުތައް ނުފުއްދޭނެ ކެންޑިޑޭޓަކު ނެރުމުން: ރައީސް ނަޝީދު
މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ކާމިޔާބު ނުކުރެވޭނެކަން އެނގިތިބެ، ވައުދުތައް ނުފުއްދޭނެ ކެންޑިޑޭޓަކު ނެރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް މުރައިދޫއަށް ވަޑައިގެން، 2023 ގެ އިންތިހާބު ޕާޓީއަށް ގެއްލުނު ސަބަބާ ގުޅޭގޮތުން އާންމު މެމްބަރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހަށް ބަލާއިރު، ދިގު 30 އަހަރުގެ ވެރިކަމަކަށް ފަހު މިހާރު ފެންނަމުން ދަނީ ކުރު މުއްދަތުގެ ވެރިކަންތަކެވެ. މީގެ މައިގަނޑު ސަބަބަކީ، ރައްޔިތުންނަށް ފެންނަ ހުދުމުހުތާރު ވެރިކަމަކަށް ދެވަނަ ދައުރެއް ލިބިދާނެތީ އޮންނަ ބިރުވެރިކަމާއި، ސަރުކާރާމެދު އުފެދޭ ހިތްހަމަނުޖެހުންތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ އެނަލިސިސްއަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، "2023 ގެ އިންތިހާބުގައި ރައީސް ސޯލިހު ނޫން އެހެން ކެންޑިޑޭޓަކު ނެރުނު ނަމަ އެމްޑީޕީއަށް ކާމިޔާބީ ލިބުނީސް" ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ އިންތިހާބަށް އެމްޑީޕީން އާ ކެންޑިޑޭޓަކު ނެރެން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Ads by BMLމިކަމުގެ ހެއްކެއްގެ ގޮތުން ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރު ވެރިކަމުގައި ނެތި ވެސް ޕާޓީއަށް 48 އިންސައްތަ ވޯޓު ލިބުނުއިރު، މިދިޔަ އިންތިހާބުގައި ވެރިކަމުގައި އޮވެ ލިބުނީ 39 އިންސައްތަ ކަމަށެވެ. އެމްޑީޕީއަށް ލިބުނު ނާކާމިޔާބީގެ ޒިންމާ ޕާޓީގެ ހުރިހާ ފަރާތްތަކުން ވެސް އުފުލަން ޖެހޭނެ ކަމަށާއި، އެމަނިކުފާނު ޕާޓީން ވަކިވުމުން ވެސް އޭގެ އަސަރު ކުރިކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް އިންތިހާބުތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޕީއެންސީއަކީ ސިޔާސީ ގޮތުން ކުރިއަރާފައިވާ ޕާޓީއެއް ނަމަ ރައީސް މުއިއްޒަކީ ކެންޑިޑޭޓެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ. އެމަނިކުފާނުގެ ނަޒަރުގައި ރައީސް މުއިއްޒަކީ އިންތިހާބަކުން ބަލިކުރަން ފަސޭހަ ކެންޑިޑޭޓެކެވެ. ރައީސް ނަޝީދު ވިދާޅުވީ ޕާޓީއަށް އެނބުރި ވަޑައިގަތީ އަލުން ކާމިޔާބީ ހޯދައިދިނުމުގެ އަޒުމުގައި ކަމަށެވެ.
Ads by MACL
