ސިޔާސީ މަންފާއަށް ދުންފަތް ހުއްދަކުރަން އުޅުމަކީ ޅަޖީލަށް ދެވޭ އަނިޔާއެއް: މުހުތާޒް
ޒާތީ ދިރިއުޅުމުގެ މިނިވަންކަމުގެ ނަމުގައި، ސިޔާސީ މަންފާއަކަށްޓަކައި ދުންފަތާއި ވޭޕްގެ ނުރައްކާތެރި ވަބާ އަކީ "އޯކޭ" ކަމެއްގެ ގޮތުގައި ދެއްކުމަކީ ދިވެހި ރައްޔިތުންނަށާއި އަންނަން އޮތް ޅަޖީލަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު މުހުތާޒު މުހުސިން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މުހުތާޒްގެ މި ރައްދު އަމާޒުވެފައިވަނީ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން އަންނަ ކުރީގެ ރައީސް ނަޝީދު ކުރެއްވި ޕޯސްޓަކަށެވެ. އެ ޕޯސްޓުގައި ނަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިނގިރޭޓުގެ އަގުބޮޑުކޮށް، ވޭޕް މަނާކޮށް، ޝީޝާ މަނާކުރުމަށް މަޝްވަރާ ކުރަމުންދާ ދިއުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަނުން ކަމަށް ސިފަކުރައްވައި ފާޑުވިދާޅުވެފައެވެ.
އެ ވާހަކަތަކަށް އިންކާރު ކުރައްވަމުން މުހުތާޒް ވިދާޅުވީ، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން ހެޑްލައިން ހަދަން ކުރި ކަމެއް ނޫން ކަމަށެވެ. އެއީ ސިއްހީ މާހިރުންނާއި ބެލެނިވެރިންގެ ބޮޑު އެދުމަކަށް، ދިވެހި ޒުވާނުންނާއި ކުޑަކުދިން ބޮޑު ވަބާއަކުން ސަލާމަތް ކުރުމަށްޓަކައި ގައުމީ ފެންވަރުގައި ނިންމި މުހިންމު ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLhttps://twitter.com/Muhuthaz/status/2062034244671844760
މީގެ އިތުރުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ސަރުކާރުން ވިސްނަމުންދާ ދިއުމަށް ވެސް މުހުތާޒް ތާއީދު ކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެކަމުގެ އަސްލު މަގްސަދަކީ ކުޑަކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
ގައުމީ ސިއްހީ ދުޅަހެޔޮކަމަށް ގަސްތުގައި ހުރަސްއަޅައި، މިފަދަ ނުރައްކާތެރި ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި ދައްކަން އުޅޭ ފަރާތްތަކުގެ އަސްލު ނިޔަތާމެދު ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށް މުހުތާޒް ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ކުޅިވަރަކަށް ހެދުމުގެ ބަދަލުގައި، ދިވެހި ދަރިންގެ މުސްތަގުބަލަށްޓަކައި އެންމެން އެއްބަސްވާންޖެހޭ ގައުމީ މައްސަލައެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
ރާއްޖެއިން މިހާރު ވަނީ ދުންފަތުގެ ބާވަތްތަކާ ދެކޮޅަށް ދުނިޔޭގެ ތާރީޚުން ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޑިސެންބަރު 14 އިން ފެށިގެން ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވާއިރު، 2007 ޖަނަވަރީ 1 ގެ ފަހުން އުފަންވި އެއްވެސް ދިވެއްސަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ބޭނުންކުރުން މަނާކޮށް، ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރާ ދުނިޔޭގެ ފުރަތަމަ ގައުމުގެ ޝަރަފުވެރި ލަގަބު ރާއްޖެއިން ވަނީ ހޯދާފައެވެ.
Ads by MACL
