ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ވޯލްޑް ކަޕަށް ފީފާއިން އާ އޮފްސައިޑް ޓެކްނޮލޮޖީއެއް ތައާރަފްކުރަނީ

ވޯލްޑް ކަޕް 2026: ވޯލްޑް ކަޕަށް ފީފާއިން އާ އޮފްސައިޑް ޓެކްނޮލޮޖީއެއް ތައާރަފްކުރަނީ
އަންނަ ޖޫންމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި، އޮފްސައިޑް ނިންމުންތައް އަވަސްކޮށް އަދި ސައްހަކަން އިތުރުކުރުމަށްޓަކައި 'ސެމީ އޮޓޮމޭޓަޑް އޮފްސައިޑް ޓެކްނޮލޮޖީގެ އާ އަދި ކުރިއަރާފައިވާ ވާޝަނެއް ބޭނުންކުރާނެކަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ހާމަކޮށްފިއެވެ.
ފީފާއިން ހާމަކުރާ ގޮތުގައި މި އާ ސިސްޓަމަކީ އާޓިފިޝަލް އިންޓެލިޖެންސް "އޭއައި" ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.

މި އާ ޓެކްނޮލޮޖީގެ އެހީގައި، ކުޅުންތެރިއަކު 10 ސެންޓިމީޓަރަށްވުރެ ބޮޑަށް އޮފްސައިޑްގައި ހުރެއްޖެނަމަ، އެސިސްޓަންޓް ރެފްރީންނަށް ވަގުތުން އޯޑިއޯ އެލާޓެއް ލިބޭނެއެވެ. މީގެ ސަބަބުން ކުޅުން ނިމެންދެން މަޑުނުކޮށް، ކުރިއަށްވުރެ އަވަހަށް ރެފްރީންނަށް ދިދަ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ މައިގަނޑު މަގްސަދަކީ ބޭކާރު ގޮތުގައި ކުޅުން ކުރިއަށްދިއުން ހުއްޓުވުމާއި، ލަސްވުމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ އަނިޔާތަކާއި ހިތްހަމަނުޖެހުންތައް މަދުކުރުމެވެ.

މި މުބާރާތުގައި ކުޅޭ ހުރިހާ ކުޅުންތެރިން ޑިޖިޓަލްކޮށް ސްކޭންކޮށް، ތްރީ-ޑީ އެވަޓާތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ރެފްރީންނަށާއި ސަޕޯޓަރުންނަށް އޮފްސައިޑް ނިންމުންތައް މާ ސާފުކޮށް ފެންނަން ހުންނާނެއެވެ. ދަނޑުތަކުގައި ގިނަ އަދަދެއްގެ ޓްރެކިންގ ކެމެރާތަކާއި، ސެންސަރު ހަރުކޮށްފައިވާ 'ސްމާޓް' ބޯޅަ ބޭނުންކޮށްގެން ކޮންމެ މެޗެއްގައި މިލިއަނުން ޑޭޓާ ޕޮއިންޓްތައް އެއްކުރެވޭނެއެވެ.

ޓެކްނޮލޮޖީއަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް، މެޗުގެ ފަހުގެ ނިންމުންތައް ނިންމާނީ މެޗު ރެފްރީންނެވެ. ސިސްޓަމުން ދޭ އެލާޓެއްގައި މައްސަލައެއް އުޅޭކަމަށް ރެފްރީއަށް ގަބޫލުކުރެވޭނަމަ، އެ އެލާޓަށް އަމަލުނުކުރުމުގެ އިހުތިޔާރު ރެފްރީއަށް އޮންނާނެއެވެ. މީގެ އިތުރުން، ވަރަށް ކައިރި ނިންމުންތަކާއި، ކުޅުންތެރިއަކު ކުޅުމަށް ނުފޫޒު ފޯރުވިތޯ ބެލުން ފަދަ ސަބްޖެކްޓިވް ނިންމުންތަކުގައި މި ޓެކްނޮލޮޖީއަށް ފުރިހަމަ ނިންމުމެއް ނުނިންމޭނެއެވެ.

މި ޓެކްނޮލޮޖީއަކީ މުޅިން އަލަށް ތައާރަފްކުރާ އެއްޗެއް ނޫނެވެ. ފީފާއިން އެންމެ ފުރަތަމަ ސެމީ އޮޓޮމޭޓަޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ފެށީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ނަމަވެސް 2026 ގެ ވަރޝަނަކީ ކުރިއަށްވުރެ ހަލުވި، އަދި އޭއައި ޓްރެކިންގ ރަނގަޅު ކުރެވިފައިވާ އަޕްގްރޭޑް ސިސްޓަމެކެވެ.

މި ބަދަލާއެކު ސަޕޯޓަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވީއޭއާރް ރިވިއުތަކަށް ކުރަންޖެހޭ އިންތިޒާރު ކުޑަވުމާއި، ދަނޑުތަކުގެ ސްކްރީންތަކުންނާއި ޓީވީން މާ ފުރިހަމަ ވިޝުއަލްތަކާއެކު ނިންމުންތައް ބަލާލަން ލިބުމެވެ.