ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ ޔުރޭނިއަމް އެމެރިކާއަށް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ ޔުރޭނިއަމް އެމެރިކާއަށް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ދަށުން އެ ގައުމުގައި ހުރި މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރައްކާތެރިކަން އެމެރިކާއަށް ލިބޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތަކާއި ލުބުނާނުގެ ހަނގުރާމައާ ގުޅުވަން ބޭނުންފުޅު ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުން މި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ނަތީޖާއެއް ފެނިދާނެ ކަމަށާއި، ކަންކަން ދަނީ "ވަރަށް ރަނގަޅަށް" ކަމަށެވެ.

"އަޅުގަނޑަށް އިވޭ ގޮތުގައި މަޝްވަރާތައް ދަނީ ވަރަށް ރަނގަޅަށް. މިއީ މި ހަފްތާ ބަންދު ތެރޭގައި ވެސް ވެދާނެ ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.

ލުބުނާނުގެ ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން އެ ދެ މައްސަލަ ގުޅުވަން މަސައްކަތް ކުރި ނަމަވެސް، އޭނާ ބޭނުންވަނީ އެ ދެ ކަންތައް ވަކި މަޝްވަރާތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.
"އަޅުގަނޑު ބޭނުންވަނީ އެކަން ވަކިކުރަން. އެއީ ވަކި ކަމެއްގެ ގޮތުގައި ބާއްވަން ބޭނުންވަނީ، ސަބަބަކީ އެއީ ހަގީގަތުގައި ވެސް ވަކި ދެ ކަމަކަށް ވާތީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާއިން ފުރަތަމަ ފަހަރަށް ހިޒްބުالله އާ ސީދާ ވާހަކަދެއްކި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ޓްރަމްޕް އެ އިޝާރާތް ކުރެއްވީ ލުބުނާނު ސަރުކާރުގެ މެދުވެރިން މެދުވެރިކޮށް ހިޒްބުالله އާއި ވޮޝިންޓަނާ ދެމެދު މެސެޖުތައް ބަދަލުކުރެވުނު ވާހަކައަށް ކަމަށެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، ހިޒްބުالله އިން ހަމަލާ ނުދޭން އެއްބަސްވެފައިވާ ކަމަށާއި، އިޒްރޭލުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ. އަދި މިހާރު އޮތީ ކަންކަން ވާގޮތް ބަލަން މަޑުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.