އީރާނުގެ އިންޒާރެއް އިޒްރޭލަށް: ބައިރޫތަށް ދޭ ކޮންމެ ހަމަލާއެއްގެ ނަތީޖާ ވަރަށް ހިތްދަތިވާނެ!
އީރާނުގެ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލުބުނާނުގެ އަލް-މަޔާދީން ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަރަގްޗީ ވިދާޅުވީ އީރާނާއި އިސްރާއީލު އަދި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނަތީޖާ ލުބުނާނުގެ ހަނގުރާމައާ ގުޅިފައިވާ ކަމަށެވެ. އަދި މި ދެ ފްރަންޓަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކަތި އަނެކައްޗާ ލާމެހިފައިވާ ދެ ފްރަންޓު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ބައިރޫތަށް ދޭ ކޮންމެ ހަމަލާއެއްގެ ނަތީޖާ ވަރަށް ހިތްދަތިވާނެ. އަދި އެއީ ފުރިހަމަ މިންވަރެއްގެ ހަނގުރާމައެއް އަލުން ފެށުމަށް މަގުފަހިވާނެ ކަމެއް،" އަރަގްޗީ ވިދާޅުވިއެވެ. މީގެ އިތުރުން އިސްރާއީލުން ބައިރޫތަށް ހަމަލާދީފިނަމަ، އިސްރާއީލަށް ހަމަލާދިނުމަށް އީރާނުގެ ސަފުތައް އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އޮތް ޝަރުތަކީ އިސްރާއީލުގެ ސިފައިން އެ ގައުމުން ފޭބުން ކަމަށްވެސް އީރާނުގެ ފޮރިން މިނިސްޓަރު ބާރުއަޅުއްވައި ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ނިމުމަކަށް އަންނަންވާނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުން އެ ގައުމުގެ ސިފައިން ބޭރުވުމާ އެކުގައެވެ.
މި އިންޒާރުތައް އައިސްފައިވަނީ އިސްރާއީލާއި ލުބުނާނުގެ ޑިޕްލޮމޭޓުން ވޮޝިންގްޓަންގައި ސީދާ މަޝްވަރާތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ހިޒްބުﷲ އިން ވަނީ މި މަޝްވަރާތަކާ ދެކޮޅު ހަދާފައެވެ. އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އޭނާ އާއި ޓްރަމްޕްގެ އަމާޒަކީ ހިޒްބުﷲ ހަތިޔާރު އެޅުން ހުއްޓުވައި ލުބުނާނަކީ އަސްކަރީ ބާރެއް ނެތް ތަނަކަށް ހެދުން ކަމަށެވެ.
Ads by MACL
