ފަލަސްތީނުގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު އިޒްރޭލުން ޖަލަށްލައިފި
ފަލަސްތީނުގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ރަންދު ހަލަވާނީ ސުވާލު ކުރުމަށް ގުދުސްއަށް ހާޒިރުވުމަށް އެންގުމަށްފަހު، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. އުމުރުން 20 އަހަރުގެ ހަލަވާނީ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީއެފްއޭ) ވަނީ ހަލަވާނީ ބަންދުގައި ބެހެއްޓުމަށް ނިންމި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، މިއީ ފަލަސްތީނުގެ އެތުލީޓުންނަށް އަމާޒުކޮށްގެން އެއްވެސް ޒިންމާދާރުކަމެއް ނެތި އިސްރާއީލުން ހިންގަމުންދާ ސިސްޓަމެޓިކް އަމަލުތަކުގެ ބައެއް" ކަމަށެވެ.
ގުދުސްގައި ހުންނަ ފަލަސްތީނުގެ ގަވަރުނަރޭޓުން މައުލޫމާތު ދޭ ގޮތުގައި އިސްރާއީލުގެ ކޯޓަކުން ވަނީ ހަލަވާނީގެ ބަންދުގެ މުއްދަތު އަންނަ ހުކުރު ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
Ads by BMLމީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ނަތާލީ އަބޫ ދިޔާ އާއި އިތުރު ތިން އަންހެނަކު ހުޅަނގު އައްސޭރިން ހައްޔަރުކޮށްފައެވެ. ބިރުޒައިތު ޔުނިވާސިޓީގައި ކިޔަވަމުންދާ މި ދަރިވަރުން ހައްޔަރުކުރީ "ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގައި" ކަމަށް އިސްރާއީލު ސިފައިން ބުނެފައިވެއެވެ. ނަމަވެސް ބިރުޒައިތު ޔުނިވާސިޓީން ވަނީ މިއީ ފަލަސްތީނުގެ ތައުލީމީ ދާއިރާއަށް ހުރަސްއެޅުމަށް ހިންގާ އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.
ނަތާލީ އަބޫ ދިޔާ ނިސްބަތްވާ އީވާންޖެލިކަލް ލޫތުރަން ޗާޗުގެ ބިޝޮޕް އިމާދު ހައްދާދު ވަނީ އޭނާ ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ. ހައްދާދު ވިދާޅުވީ ނަތާލީ ހައްޔަރުކޮށް ގެންދިޔަ ތަނެއް އާއިލާއަށް ނޭނގޭތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ފަލަސްތީނުގެ ޕްރިޒަނާސް ކްލަބުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުގެ ޖަލުތަކުގައި މިވަގުތު ފަލަސްތީނުގެ 89 އަންހެނުން އެބަތިއްބެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ތިން ކުދިންނާއި ބަނޑުބޮޑު ތިން އަންހެނުން ހިމެނެއެވެ. މޭ މަހުގެ ނިޔަލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖުމްލަ 9،400 އަށްވުރެ ގިނަ ފަލަސްތީނު މީހުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވެއެވެ.
Ads by MACL
