ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ވޯލްޑް ކަޕާއި ދިމާކޮށް އެމެރިކާއިން ވަރުގަދަ ސެކިއުރިޓީ އޮޕަރޭޝަނެއް!

ވޯލްޑް ކަޕް 2026: ވޯލްޑް ކަޕާއި ދިމާކޮށް އެމެރިކާއިން ވަރުގަދަ ސެކިއުރިޓީ އޮޕަރޭޝަނެއް!

މި މަހުގެ 11 ގައި ފަށާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ވަރުގަދަ ސަލާމަތީ އޮޕަރޭޝަނަކަށް ތައްޔާރުވަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. މި މުބާރާތަށް މިލިއަނުން ފޭނުން އުތުރު އެމެރިކާއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭއިރު، މުލިން ވަނީ މި މުބާރާތަކީ "38 ދުވަހުގެ ތެރޭގައި ބާއްވާ 78 ސުޕަ ބޯލް" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީ.އެޗް.އެސް) ގެ 2027 ވަނަ މާލީ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ސެނެޓް އެޕްރޮޕްރިއޭޝަންސް ސަބްކޮމިޓީގައި ބޭއްވި އަޑުއެހުމެއްގައި، ތާރީޚުގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ޑިޕާޓްމަންޓް އޮތް ތައްޔާރީތަކާ ބެހޭގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ. ޓެނެސީގެ ސެނެޓަރު ބިލް ހެގަޓީ ވަނީ ދުނިޔޭގެ ސަލާމަތީ ނުރައްކާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ސުވާލު އުފައްދަވާފައެވެ.

މުލިން ވިދާޅުވީ ފެޑަރަލް، ސްޓޭޓް އަދި ލޯކަލް އިދާރާތައް ގުޅިގެން ފުޅާދާއިރާއެއްގައި ޕްލޭންތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މެޗުތަކުގެ އަދަދާއި، ކުޅޭ ދަނޑުތަކާއި، ޒިޔާރަތްކުރާ މީހުންގެ އަދަދަށް ބަލާއިރު، ވޯލްޑް ކަޕަކީ ސަލާމަތީ ގޮތުން ކުރިމަތިވާ ވަރަށް ޚާއްޞަ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މެޗުތައް ބާއްވާ ސިޓީތަކުގެ ލޯކަލް ސަރުކާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން، ދަނޑުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި މީހުން ގިނަވުން މެނޭޖްކުރުމަށް ޑީ.އެޗް.އެސް އިން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ.

ސެކްރެޓަރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްޓޭޑިއަމްތައް ޗެކްކޮށް ބަލަހައްޓައި، ވަށައިގެންވާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، މީހުން ތޮއްޖެހޭ ތަންތަން މަދުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދެއެވެ. އަދި މަސައްކަތްކުރާ ކޮންމެ ސިޓީއަކުންވެސް، އޭގެ ތެރޭގައި ސެންކްޗުއަރީ ސިޓީތައް ހިމެނޭހެން، ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މުލިން ވިދާޅުވީ މަގްސަދަކީ މި ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާގެ ފުރިހަމަކަން ދައްކާލުމާއެކު، ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމާއެކު މުބާރާތް ނިންމާލުން ކަމަށެވެ.

މި ފަހަރުގެ ފީފާ ވޯލްޑް ކަޕަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ، ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. މި މުބާރާތުގައި 48 ޓީމު ވާދަކުރާއިރު، އުތުރު އެމެރިކާގެ އެކި ސިޓީތަކުގައި ރެކޯޑް އަދަދަކަށް މެޗުތައް ކުޅޭނެއެވެ. މި މުބާރާތުގެ ސަބަބުން ބައިނަލްއަގުވާމީ މިލިއަނުން ޒިޔާރަތްތެރިން އަންނާނެ ކަމަށާއި، އިގްތިސާދީ ގޮތުން ބިލިއަނުން ޑޮލަރުގެ މަންފާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ޓެރަރިޒަމާއި، ސައިބަރ ހަމަލާތަކާއި، މީހުން ގިނަވުން ކޮންޓްރޯލްކުރުމާއި، ދަތުރުފަތުރަށް ކުރިމަތިވެދާނެ ބުރޫއެރުންތަކަށް ތައްޔާރުވުމަށްޓަކައި އެމެރިކާގެ ފެޑަރަލް އެޖެންސީތަކުން ދަނީ އެތައް އަހަރެއް ކުރިން ފެށިގެން ސަލާމަތީ ޕްލޭންތައް އެކުލަވާލަމުންނެވެ. މި މަސައްކަތުގައި ޑީ.އެޗް.އެސްގެ އިތުރުން އެފް.ބީ.އައި، ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން، ސީކްރެޓް ސަރވިސް އަދި ލޯކަލް ލޯ އެންފޯސްމަންޓް ޑިޕާޓްމަންޓްތައް ބައިވެރިވެއެވެ.