ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިފްކޯގެ އޮޕަރޭޝަންތައް ޑައިވާސިފައިކޮށް، ބޮޑެތި ބަދަލުތަކެއް ގެންނަނީ

މިފްކޯގެ އޮޕަރޭޝަންތައް ޑައިވާސިފައިކޮށް، ބޮޑެތި ބަދަލުތަކެއް ގެންނަނީ

ޒަމާނުއްސުރެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިންގަމުން އައި ގޮތް ބަދަލުކޮށް، ކުންފުނީގެ މާލީ ގާބިލްކަން އިތުރުކުރުމަށްޓަކައި އޮޕަރޭޝަންތައް ޑައިވާސިފައި ކުރުމުގެ ބޮޑު މަޝްރޫއެއް އެ ކުންފުނީގެ އައު މެނޭޖްމަންޓުން ފަށައިފިއެވެ.

ކުންފުނި ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ މި މަސައްކަތްތަކުގެ ތަފްސީލު ހާމަކުރެއްވީ ކުންފުނީގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސްއެވެ.

ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ ސީއީއޯ މިކަން ހާމަކުރެއްވީ، މިފްކޯގެ އެކި ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގެ ތެރެއިން ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަނަސް ވިދާޅުވީ ކުންފުނީގެ އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމަށް މެނޭޖްމަންޓުން ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށާއި، މިހާރު ހަމައެކަނި މަސް އެކްސްޕޯޓް ކުރުމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އައު މާކެޓުތައް ހޯދުމާއި، މިފްކޯގެ އުފެއްދުންތަކަށް އަގު އެއްކުރެވޭނެ (ވެލިއު އެޑް ކުރެވޭނެ) އިތުރު ގޮތްތައް ބަލަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީވެސް މެނޭޖްމަންޓުގެ ވިސްނުމެއް ކަމަށާއި، ނަމަވެސް އެކަން ހާސިލުކުރެވެން އޮތީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށްގެން ކަމަށް ސީއީއޯ ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ މުވައްޒަފުންވެސް މަސައްކަތުގެ އަޚްލާޤު ހިފަހައްޓައި، އެއް ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމަށް މެނޭޖްމަންޓުން މެދުނުކެނޑި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަންވެސް އަނަސް ވަނީ ދެއްވާފައެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުންފުނީގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިފްކޯގެ މަރުކަޒުތަކަށް ސީއީއޯ ގެންދަވަނީ ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން މިހާރު ކޫއްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސެންޓަރުގެ ހާލަތު ގާތުން ބައްލަވައި، އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފައްޓަވާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.