ފެނަކަ އެމްޑީ އަފީފްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް ނުކުރެވޭ: ޕީޖީ
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިންގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގައި ޖިނާއީ ދައުވާއެއް ނުކުރަން ނިންމީ، އޭނާ ހިންގި ކަމަށް ބުނާ އަމަލުގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް އިން ހާމަކޮށްފިއެވެ.
މި މައްސަލައަކީ މީގެ ފަސް އަހަރު ކުރިން، އަފީފް ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ދުވަސްވަރު، އޭނާގެ އަނބިކަނބަލުންގެ އަމިއްލަ ކާރެއް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ގަރާޖަކަށް ރެޖިސްޓްރީ ކުރަން އުޅުނު ކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް ނިންމައެވެ.
ނަމަވެސް ޕީޖީ އޮފީހުން ބުނީ، އެ ކާރު ގަރާޖަށް ރެޖިސްޓްރީ ކޮށްދިނުމަށް އެދި ސިޓީއެއް ތައްޔާރުކުރި ނަމަވެސް، މާލެ ސިޓީ ކައުންސިލުން އެ ކާރު އެގޮތަށް ރެޖިސްޓްރީ ކޮށްދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ އަމަލުގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އަދި އަފީފަށް ވެސް އެއްވެސް ނާޖާއިޒު ފައިދާއެއް ލިބިފައި ނެތް ކަން ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ، މި މައްސަލައިގައި ނާޖާއިޒު މަންފާއެއް އެއްވެސް މީހަކަށް ލިބިފައި ނެތް އިރު، ދައުލަތަށް ލިބިދާނެ ގެއްލުމެއް ވެސް ހުއްޓުވިފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ކަމުގައި ހިމެނޭ އަފީފް އާއި އޭނާ އެދިގެން ސިޓީ ތައްޔާރުކުރި މުވައްޒަފަށް މީގެ ކުރިން އިދާރީ ފިޔަވަޅު އަޅާފައިވާތީ، އިތުރަށް ޖިނާއީ ދައުވާއެއް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ޕީޖީން ވަނީ ނިންމާފައެވެ.
Ads by MACL
