ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑައިމަންޑް ޖުބުލީ 2026: ޕާކިސްތާން އަތުން ވެސް ބަލިވެ، ރާއްޖެއަށް ފުރުސަތު ގެއްލިއްޖެ

ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ/ އެފްއޭއެމް
ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ/ އެފްއޭއެމް

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފައިނަލާ ހަމައަށް ރާއްޖެއަށް ނުދެވޭނެކަން މިއަދު ވަނީ ކަށަވަރުވެފައެވެ. ރާއްޖެއަށް ފައިނަލްގެ ޖާގަ ގެއްލުނީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 0-3 އިން ބަލިވުމާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕާކިސްތާނުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއިރު، ރާއްޖެއިން ބޮޑަށް ފެނުނީ ކައުންޓަރ އެޓޭކުތަކަށް ބަރޯސާވި ތަނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އަހްޒަމް ރަޝީދު ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތެއްގެ ބޭނުން ހިފޭގޮތް ރާއްޖޭގެ ފޯވާޑް އިލާނަކަށް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ރާއްޖެއިން ފެށީ އަލީ ފާސިރުއާއި ނައްސާޙް ކުޅެން އަރުވައިގެންނެވެ. މިއާއެކު ރާއްޖޭގެ އެޓޭކުތައް ވަރުގަދަވި ނަމަވެސް، ލިބުނު ފުރުސަތުތައް ނިންމާލެވޭ ގޮތެއް ނުވިއެވެ. އޭގެ ފައިދާ ނަގައި ޕާކިސްތާނުން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުމަރު ނަވާޒެވެ. ލަނޑަށްފަހު ޕާކިސްތާނުން ވަގުތު ބޭކާރުކުރަން މަސައްކަތް ކުރި ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި ސަމަދު ޝަހުޒާދު ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ.

ޕާކިސްތާނުގެ ތިންވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާރޫން ރާޝިދެވެ. މި ބައްޔާއެކު ރާއްޖެއަށް މުބާރާތުގެ ފައިނަލުގެ ފުރުސަތު މިވަނީ މުޅިން ބަންދުވެފައެވެ. މީގެ ކުރިން ކުޅުނު ފުރަތަމަ މެޗުގައި އަފްޣާނިސްޠާން އަތުންވެސް ރާއްޖެ ވަނީ 0-1 އިން ބަލިވެފައެވެ. ދެ މެޗުން ބަލިވުމާއެކު ރާއްޖެއަށް އަދި ޕޮއިންޓެއް ލިބިފައި ނުވާއިރު، ޕާކިސްތާނަށް މިހާރު ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ.

މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރާއިރު، ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. މިރޭ އަފްޣާނިސްޠާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، ރާއްޖެއަށް ދެން ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކާ އަރާހަމަކުރެވޭނެ ގޮތެއް ނެތެވެ. ރާއްޖެއަށް މުބާރާތުގައި ބާކީ އޮތީ އެންމެ މެޗެކެވެ.