ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑައިމަންޑް ޖުބުލީ 2026: އަފްޣާނިސްތާން - ބަންގްލަދޭޝް (މެޗް ޕްރިވިއު)

ބަންގްލަދޭޝް އާއި އަފްޣާނިސްތާން ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން.. ފޮޓޯ: ބީއެފްއެފް
ބަންގްލަދޭޝް އާއި އަފްޣާނިސްތާން ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން.. ފޮޓޯ: ބީއެފްއެފް
ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްޣާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާނެއެވެ. މިއީ މި މުބާރާތުގެ ތަށި ހޯދުމުގެ ރޭހުގައި ދެ ޓީމަށްވެސް އިންތިހާއަށް މުހިންމު މެޗެކެވެ.

މި މެޗަށް ދެ ޓީމުންވެސް ނުކުންނަނީ މުހިންމު ޕޮއިންޓްތަކެއް ހޯދައި، މުބާރާތުގައި ކުރިއަށް ދިއުމުގެ އަޒުމުގައެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ކުރިއަރަމުން އަންނަ މި ދެ ގައުމުގެ ކުރިމަތިލުމަކީ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށް ބެލެވެއެވެ.

އަފްޣާނިސްތާނުން ބޮޑަށް ބަރޯސާވާނީ އެޓީމުގެ ފިޒިކަލީ ވަރުގަދަކަމާއި، ބަދަހި ޑިފެންސާއި އަދި ކައުންޓަރ އެޓޭކްތަކަށެވެ. އެޓީމަކީ އާންމުކޮށްވެސް ޑިސިޕްލިންޑް ޑިފެންސެއްކޮށް، އިދިކޮޅު ޓީމުތަކަށް އުނދަގޫ ކުރިމަތިކުރުވާ ޓީމެކެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ތާވަލުގެ އެއްވަނަ އަފްޣާނިސްތާނަށް ލިބޭނެއެވެ. މިއީއެ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

ބަންގްލަދޭޝް މި މެޗާ ކުރިމަތިލަނީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކުގައެވެ. ފަހަކަށް އައިސް ބަންގްލަދޭޝްގެ ކުޅުމަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާއިރު، އެޓީމުން ބޮޑަށް އިސްކަންދެނީ ބޯޅަ ހިފަހައްޓައިގެން ކުޅުމަށެވެ. މެދުތެރެ ކޮންޓްރޯލްކޮށް، ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަކީ ބަންގްލަދޭޝްއަށް މެޗުގެ ނަތީޖާ އަނބުރާލުމަށް އޮތް ފުރުސަތެކެވެ.

ތާރީޚަށް ބަލާއިރު މި ދެ ޓީމު ބައްދަލުކުރާ މެޗުތަކަކީ އަބަދުވެސް ވަރަށް ވާދަވެރި މެޗުތަކެކެވެ. މެޗުގެ 90 މިނެޓު ތެރޭގައި ޓެކްޓިކަލް ޑިސިޕްލިން ހިފެހެއްޓުމާއި، ގޯސްތައް މަދުކުރުމަކީ މެޗުގެ ނަތީޖާ ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ.

މިފަހަރުގެ މުބާރާތގެ ކުޅުމަށް ބަލާފައި މިއީ ދާދި ހަމަހަމަ ކުޅުމެއް ކުޅެމުން އަންނަ ދެ ޓީމެވެ. މިރޭގެ މެޗަކީ ދެޓީމަށް ވެސް މުހިންމު މެޗަކަށް ވީ ނަމަވެސް މެޗު އެންމެ ބޮޑަށް މުހިންމީ ބަންގަލްދޭޝް އަށއެވެ. އެއީ އެޓީމު އެންމެ ފުރަތަމަ ކުޅުނު މެޗުން އެއްވަރުވެފައި އޮތުމުންނެވެ.

މި ދެޓީމު ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ 21:00 ގައެވެ.