ވޯލްޑް ކަޕް 2026: ވޯލްޑް ކަޕްގައި ދަނޑަށް ފެންފުޅި ވެއްދުން ފީފާއިން މަނާކޮށްފި
މިމަހުގެ 11 ގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކަށް ސަޕޯޓަރުން ފެންފުޅި ވެއްދުން މަނާކުރުމަށް ފީފާއިން ނިންމައިފިއެވެ. މި ނިންމުމަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ސްޓޭޑިއަމްތަކުގެ ކޯޑް އޮފް ކޮންޑަކްޓަށް ގެނައި ކުއްލި ބަދަލެއް ކަމަށް ފީފާއިން މައުލޫމާތުދެއެވެ.
މިދިޔަ މަހާ ހަމައަށް ފީފާއިން ނިންމާފައި އޮތީ އެއް ލީޓަރަށް ވުރެ ބޮޑު ނޫން، ހުސްކޮށް ހުންނަ ދެފުށް ފެންނަ ޕްލާސްޓިކް ފުޅި ދަނޑަށް ވެއްދޭނެ ކަމަށެވެ. ނަމަވެސް، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އައު ގަވާއިދުގެ ދަށުން ކޮންމެ ބާވަތެއްގެ ފުޅިއެއް، ތަށްޓެއް ނުވަތަ ދަޅެއް ވެސް ދަނޑަށް ވެއްދުމަކީ މަނާ ކަމެކެވެ. މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ގަޔަށް އެފަދަ ތަކެތި އުކައިގެން ލިބިދާނެ އަނިޔާއަކުން ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށް ފީފާއިން ބުނެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން ބަޔާނެއްގައި ފީފާއިން ބުނީ، "ފީފާއަކީ ކުޅުންތެރިންނާއި، ރެފްރީންނާއި، ސަޕޯޓަރުންނާއި، ވޮލަންޓިއަރުންގެ އިތުރުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭ އިދާރާއެއް" ކަމަށެވެ. އަދި ބޭރުން ގެންނަ ފުޅިތައް މިހާރުވެސް ބައެއް ދަނޑުތަކުގައި މަނާކޮށްފައިވާތީ، މުޅި މުބާރާތުގައި އެއް އުސޫލަކުން އެކަން ތަންފީޒުކުރަން ނިންމީ ކަމަށްވެސް ފީފާއިން ބުންޏެވެ.
މި ނިންމުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. މުބާރާތް ބާއްވާ ބައެއް ސަރަހައްދުތަކުގެ ހޫނުމިން 26 އާއި 28 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ދަނޑުތަކުގެ ތެރެއިން ބޯފެން ލިބޭނެ އިންތިޒާމުތަކާ މެދު ސަޕޯޓަރުން ސުވާލު އުފައްދައެވެ. ނަމަވެސް ފީފާއިން ބުނީ ދަނޑުތަކުގައި ފެން ލިބޭނެ ހައިޑްރޭޝަން ސްޓޭޝަންތައް ގާއިމުކުރާނެ ކަމަށެވެ.
މީގެ އިތުރުން، ހޫނުން ސަލާމަތްވުމަށްޓަކައި މިސްޓިންގް ސްޓޭޝަންތަކާއި، ފަންކާ އަދި ފިނިކޮށްދޭ ޓެންޓުތައް ދަނޑުތައް ހިމެނޭ ސަރަހައްދުގައި ހުންނާނެ ކަމަށް ފީފާއިން ބުނެއެވެ. އަދި ދަނޑުގެ ތެރޭގައި ވިއްކާ ފެންފުޅީގެ އަގުތައް ހުންނާނީ އެ ދަނޑުތަކުގައި ބާއްވާ އެހެނިހެން ހަރަކާތްތަކުގައި ވެސް ފެން ވިއްކާ އަގުތަކާ އެއްވަރެއްގައި ކަމަށް ފީފާއިން ކަށަވަރުކޮށްދެއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ 48 ޓީމު ހިމެނޭ މި ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 11 އިން ޖުލައި 19 އަށެވެ.
Ads by MACL
