ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (ހަވަނަ ބައި)
އަޒާންގެ އަޑަށް އެތަނުގައި ތިބި އެންމެނަށް އެ ދިމާއަށް ބަލައިލެވުނީ ސިހިފައެވެ. އަޒާންގެ އަތު ތެރޭގައި ހޭނެތިފައި އޮތް އިޝްޔާ ފެނުމުން ސުފްޔާން އާއި ޔުމްނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. މަގޭ ދަރިއޭ ކިޔައި ރޮއެގަންނަމުން އެ ދިމާއަށް ދުއްވައިގަނެވުނީ ދެމަފިރިންނަށް އެކީއެވެ. އޭރު ކަންބޮޑުވެފައި ހުރި އަޒާން ވެސް އިޝްޔާ ހޭއެރުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އޭނާގެ ގާތަށް އައިސް ސުފްޔާން ހުއްޓިލުމާއެކު އާދޭހުގެ ރާގަކަށް އަވަހަށް އެމްބިއުލާންސަށް ގުޅައިދިނުމަށް އަޒާން އެދުނެވެ. ހާސްވެފައިހުރިވަރުން އަޒާންގެ އަޑުގައިވެސްވީ މަޑު ތުރުތުރެއް އެކުލެވިފައެވެ. އިޝްޔާގެ މޫނުގައި ފިރުމަމުން ދިޔައިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައީ އިޝްޔާއަށް ވީގޮތެއް ނޭނގި ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ.
"އިޝީ، މަގޭ ދަރި. އިޝީއަށް ކުއްލިއަކަށް ކިހިނެއްވީތަ؟" އެ ދިމާލަށް އައިސް ހުއްޓުނު ލިޔާރާ ވެސް ކަންބޮޑުވެފައި ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އަހައިލިއެވެ. ނަމަވެސް އެވަގުތު އޭނާގެ ސުވާލަށް ޖަވާބެއް ދެވޭނެފަދަ ހާލަތެއްގައި ހުރި މީހަކު އެތަނުގައި ނެތެވެ.
"އެމްބިއުލާންސް އަކަށް ގުޅައިފިންތަ؟ މީގެން ފެންފޮދެއް އިޝީގެ މޫނުގަ އުނގުޅާލަބަލަ އަޅެ." ފެންތަށްޓެއް ހިފައިގެން އައިސް އެތަނަށް މަޑުކޮށްލަމުން ރައްޔާން ވެސް ކަންބޮޑުވެފައި ބުނެލިއެވެ. އެއާއެކު އާނއެކޭ ބުނަމުން އަޒާން އަވަސް އަވަހަށް އެތަށިން ފެންފޮދެއް އަތަށް އަޅައިލަމުން އިޝްޔާގެ މޫނުގައި އުނގުޅައިލިއެވެ. ނަމަވެސް ހަރަކާތް ހުއްޓިފައި އޮތް އިޝްޔާއަކަށް އެކަމުން އެއްވެސް އަސަރެއްކުރި ހެނެއް ހިއެއްނުވެއެވެ. ކުއްލިއަކަށް އިވުނު އެމްބިއުލާންސްގެ އަޑުން ސިހިފައި ފެންތަށި ކުރިމަތީގައި ހުރި މޭޒުމަތީގައި ބަހައްޓައިލަމުން އިޝްޔާ އަތްދަނޑި މައްޗަށް އުފުލައިލަމުން އިންތަނުން އަޒާން ތެދުވިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ގެއިން ނުކުމެވެން ހުރި ދޮރާ ދިމާއަށް ދިޔައެވެ. އޭނާގެ ފަހަތުން ހާސްވެފައި ސުފްޔާން އާއި ޔުމްނާގެ އިތުރުން ލިޔާރާ ވެސް ދިޔައެވެ.
Ads by BML"ބައްޕަވެސް ޒާން މެންނާއެކު ހޮސްޕިޓަލަށް ދާންވީނު. މެހެމާނުންގެ ކަންތައް އަޅުގަނޑު ހަމަޖައްސާލާނަން. އެމީހުން ފޮނުވާލާފަ އަޅުގަނޑު ވެސް ހޮސްޕިޓަލަށް ގޮސްލާނަން. އަޅުގަނޑަށް ވާނުވާ އަންގައްޗޭ" ގާތުގައި ހުރި ހިލްމީގެ ކޮނޑުގައި އަތްބާއްވައިލަމުން ރައްޔާން ބުނެލިއެވެ. ބޯޖަހައިލަމުން ރައްޔާންއަށް ބަލައިލުމަށްފަހު ހިލްމީ ވެސް އަވަސްވެގަތީ އަޒާން މެންގެ ފަހަތުން ދިއުމަށެވެ.
އެމްބިއުލާންސް ތެރޭގައި އިންއިރު ވެސް އަޒާންގެ އަތްތިލަ އެންމެ ހިނދުކޮޅަކަށްވެސް އިޝްޔާގެ އަތުން ދޫނުވެއެވެ. ފިނިވެފައިއޮތް އިޝްޔާގެ މަޑު އަތްތިލައިގައި ހިފައިލައިގެން އިންއިރު، އޭނާގެ ހުރިހައި ސަމާލުކަމެއްވީ އިޝްޔާއަށް ދެވިފައެވެ. އިޝްޔާ ހޭ އަރައިތޯ ތަކުރާރުކޮށް ދުޢާ ކުރެވެމުންދިޔައިރު، އެ އަންހެންކުއްޖާއަށްޓަކައި އޭނާ ކަންބޮޑުވެފައިވީވަރު ބަލައިލި ކޮންމެ މީހަކަށްވެސް ފެންނާނެކަން ގައިމެވެ.
އަޒާންއަށް ބަލަހައްޓައިގެން ހިމޭންވެފައި އިން ސުފްޔާން އަށް ހިންދިރުވައިލެވުނެވެ. ލަސްތަކެއްނުވެ އަޒާން އަށް އެމީހުން ސިއްރުކުރަމުން އައި ކަންތައް އެނގޭނޭ ހިތަށް އެރުމާއެކު ސުފްޔާން އަށް އިސްޖަހައިލެވުނެވެ. މިފަދަ ގޮތަކަށް އަޒާން އަށް އެނގޭކަށް އެއްވެސް އިރަކު ސުފްޔާން ބޭނުމެއްނުވެއެވެ. އިޝްޔާއަށް އެހައިވަރަށް ވިސްނައިދެވުނީ ވެސް އެހެންވެއެވެ. އެހެނަސް ދެން އިތުރަށް ކުރާނެ ކަމެއް ނެތެވެ. އަޒާން އަށް އިޝްޔާގެ ހާލަތު އެނގޭ ހިސާބުން ދެން ކަންތައްވެދާނެ ގޮތަކާމެދު ސުފްޔާން އަށް ވިސްނައިލެވުނެވެ.
ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމަށް އިޝްޔާ ވެއްދުމާއެކު އަޒާން އަށް ހީވީ އޭނާގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިލިހެންނެވެ. ކަންބޮޑުވެފައި ދެކޮޅަށް ހިނގަމުންދިޔައިރު އިރުއިރުކޮޅާ އެމަރޖެންސީ ރޫމްގެ ދޮރާ ދިމާއަށް އޭނާއަށް ބަލައިލެވެއެވެ. "ދަރިފުޅާ އަޒާން، ހަމަޖެހިބަލަ. އާދޭ ބައްޕައާ އެކު މިތަނުގަ އިނށީދެލަން." އަޒާންގެ އަމަލުތައް ހުރި ގޮތުން ކެތްނުވެގެން އެންމެފަހުން ސުފްޔާން އައިސް އަޒާންގެ އަތުގައި ހިފާލަމުން މަޑުމައިތިރި ރާގަކަށް ބުނެލިއެވެ. "އަންކަލް، އިޝީ އަށް ކިހިނެއްތަ އެވީ ކުއްލިއަކަށް؟ އިޝީ ބަލީތަ؟ އަޅުގަނޑަށް އެހެން ހީވެގެން އިޝީ ގާތު ވަރަށް ސުވާލުވެސް ކުރިން، އެކަމަކު އިޝީ ބުނީ އެއްވެސް ކަމެއް ނުވެއޭ. އިޝީ އަށް ކަމެއް ވެއްޖެއްޔާ އަޅުގަނޑަކަށް ކެތެއްނުވާނެ." ހަމަޖެހެން މަސައްކަތްކުރި ނަމަވެސް އަޒާންގެ ހިތަށް ވެރިވަމުން އައި ބިރުވެރިކަމުން އެންމެ ތަންފުކެއް ވެސް ކުޑަނުވެއެވެ. ކޮންމެވެސް ބޮޑުކަމެއް އިޝްޔާއަށް ވާންއުޅޭހެން ހީވަނީއެވެ. ނަމަވެސް އެ އިހުސާސުތައް ފޮރުވައިލަމުން ސުފްޔާންގެ ބަހަށް ކިޔަމަންވުމުގެ ގޮތުން އޭނާއާ އެކުގައި އައިސް އެތަނުން ގޮނޑިއެއްގައި އަޒާން އިނށީނެވެ. އޭނާގެ ގާތުގައި އިނށީދެލަމުން ލިޔާރާ ވެސް ނުހަނު ލޯބިން އަޒާންގެ ކޮނޑުގައި ފިރުމައިލަމުން އޭނާއަށް ހިތްވަރުދިނުމަށް މަސައްކަތް ކުރިއެވެ. އަދި އިޝްޔާ އަށް އެއްވެސް ކަމެއް ނުވާނެކަމަށާއި އެހައި ބޮޑަށް ކަންބޮޑުނުވުމަށް ބުނެލިއެވެ.
ގޮނޑީގައި އިން އަޒާން އަށްވީ އާދަޔާޚިލާފު ހިމޭންކަމެއް ވެރިވެފައެވެ. ދެއަތް މުށްކަވައިލައިގެން ކުރިމަތިން ފެންނަން ހުރި އެމަރޖެންސީ ރޫމްގެ ދޮރަށް ނަޒަރު ހުއްޓައިލައިގެން އޭނާ ހުރީ ގުޑިލަންވެސް ބޭނުންނުވެފައި ކަހަލައެވެ. އެކޮޓަރި ތެރޭގައި ހިނގަމުންދިޔަ އެއްވެސް ކަމެއް ނޭނގި ލަސްވަމުންދިޔަ ވަރަކަށް އަޒާންގެ ހިތުގެ ހިނގުން އައީ އަވަސްވަމުންނެވެ. ހިތްވަރުކުރަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވާންފެށުމާއެކު އަވަސް އަވަހަސް އެސްފިޔަޖަހައިލަމުން، މުށްކެވިފައިވި އަތަށް ބާރުކޮށްލިއެވެ.
*****
ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހަދައިފައިވާ ސްޕަންޖު ގޮނޑީގައި އިނށީދެލައިގެން ބޭރަށް ނަޒަރު ހުއްޓައިލައިގެން ޒިވްރާ އިނީ ފުންޚިޔާލަކަށް ގެއްލިފައެވެ. މަޑުމޮޅިކަން އޭނާގެ މުޅި ނަފުސު ވަށައިލައިފާ ކަހަލައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލަމުން އެތެރަށް ވަތް ޝާހީނާއަށް އެ މަންޒަރުފެނި ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޒިވްރާގެ ސަމާލުކަން ލިބޭތޯ އޭނާ ދެތިން ފަހަރު ޒިވްރާގެ ނަމުން ގޮވައިލިއެވެ.
"އަދިވެސް މަންމަ ދެކެ ހިތްހަމަނުޖެހިފަތަ؟" ޒިވްރާގެ ސަމާލުކަން އޭނާއަށް ލިބުމާއެކު ޝާހީނާ އަހައިލީ މާޔޫސީ ގޮތަކަށެވެ. އެއާއެކު ލަސްލަހުން ޒިވްރާ ދެފަރާތަށް ބޯހޫރައިލިއެވެ. "ދެން ކީއްވެ ދަރިފުޅު މާ އެކަނި އެކަނި ތި އުޅެނީ؟ މަންމަ ވާހަކައެއްދައްކަފާނެތީ މަންމަ އިންނަ ތަނަކުވެސް މަޑުޖެހިނުލާ ދަރިފުޅު އެތަނަކުން ދާހެން މަންމަ އަށް ހީވަނީ" މަޑު ހިނގުމެއްގައި އައިސް ޒިވްރާ ގާތުގައި އިނށީދެލަމުން ޝާހީނާ ބުނެލިއެވެ.
"ސޮރީ މަންމާ.. އަހަރެން.. އަހަރެން.."
"އިޓްސް އޯކޭ، މަންމަ އަށް ވިސްނޭ. އެކަމަކު މަންމަ ވެސް އެ ވާހަކަތައް އަބަދު ދައްކަނީ ދަރިފުޅު ރުޅިއަރުވާކަށް ނޫން. ދަރިފުޅާމެދު ވިސްނޭވަރުން." ޒިވްރާގެ އަތްތިލައިގައި ނުހަނު ލޯބިން ހިފައިލަމުން ޝާހީނާ ބުނެލިއެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް ޒިވްރާގެ ތުންފަތަށް ވެރިވިއެވެ. އަދި އެކަން ޤަބޫލުކުރަމޭ ބުނާ ފަދައިން އޭނާ ބޯޖަހައިލިއެވެ.
"ޑިއުޓީއިން އައި ފަހުން ދަރިފުޅު ކޮޓަރިން ނުނިކުންނާތީވެ ކޮބާތޯ ބަލައިލަން މަންމަ މިއައީ، އިރުކޮޅަކުން ކާން ހަދާނަން. ރެޑީވެލައިގެން ކާން އަންނައްޗޭ. މިރޭ ޒިވީއާއެކު ކާންވެގެން މަންމަ ވެސް އަދި ނުކާ މިހުރީ." ޒިވްރާގެ ބޮލުގައި ފިރުމައިލަމުން އިންތަނުން ޝާހީނާ ތެދުވިއެވެ. ދަރިފުޅުގެ އެ ހަމަހިމޭންކަން ދެކުމަށް އިތުރަށް އޭނާ އަށް ކެތްނުވީއެވެ. ކައިވެނީގެ މައުޟޫއާމެދު ޒިވްރާ އެހައި ނުރުހެނީ ކީއްވެކަން ނުވިސްނުނަސް، އަދި ޒިވްރާއަށް އިތުރަށް ވަގުތު ދިނުމަށް އޭނާ ނިންމީއެވެ. އެހެންވެ ޒިވްރާ ނުރުހިދާނެފަދަ އިތުރު ވާހަކަތަކެއް ދައްކަން އޭނާ ބޭނުންނުވީއެވެ.
ޝާހީނާ ތެދުވެ ޒިވްރާ އަށް ފުރަގަސްދިނުމާއެކު މުށުތެރޭގައި އޮތް ފޯނަށް ޒިވްރާގެ ނަޒަރު ހުއްޓުނެވެ. ލަގޮނޑިއަށް ވާންވެލުމާއެކު ތުންފަތުގައި ދަތްއަޅައިލަމުން ޒިވްރާ އިސްޖަހައިލިއެވެ.
"މަންމާ.." ހިމޭން ރާގަކަށް ޒިވްރާ ގޮވައިލިއެވެ. އެއަޑު އިވިފައި ކޮޓަރިން ނުކުމެ ނުކުމެ ހުރި ޝާހީނާ ހުއްޓެމުން ފަސްއެނބުރި ޒިވްރާ އަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"އަހަރެން.. އަހަރެން ކައިވެނިކުރަން.. ތައްޔާރު.. މަންމަ ބޭނުން ކޮންމެ މީހަކާ ވިޔަސް.. އަހަރެންގެ.. އެއްވެސް މައްސަލަ އެއް ނެތް" ދެއަތް ދެއަތާ މޮޑެމުން އުނދަގޫ ގޮތަކަށް ޒިވްރާ ބުނެލިއެވެ. އިވުނު ބަސްތަކާމެދު ޔަޤީން ނުވެފައި ޝާހީނާ އަށް ހުރެވުނީއެވެ. އޭނާގެ ފަރާތުން ޖަވާބެއް ނުލިބުނީތީ އިސްއުފުލައި ޝާހީނާއަށް ބަލައިލަމުން ހިތްވަރުކޮށްފައި އަނެއްކާވެސް ޒިވްރާ ކުރިން ބުނި ވާހަކަ ތަކުރާރުކޮށްލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޝާހީނާއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޒިވްރާގެ ގައިގައި އޭނާއަށް އޮޅުލައިގަނެވުނެވެ. "މަންމަ ވަރަށް ވަރަށް އުފާވެއްޖެ. ހަމަ މިހާރު މިދަނީ ބައްޕަ އަށް މި ޚަބަރު ދޭން." ޒިވްރާގެ ނިތުގައި ބޮސްދެމުން ނިކަން ހިނިއައިސްފައި ހުރެ ޝާހީނާ އެކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އޭނާ އުޅެމުންދިޔަ ގޮތުން ހީވަނީ ދެފަޔަށް ހިނި އަރައިގެން އުޅޭ މީހެއް ހެންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ދެންމެ ޒިވްރާގެ ފަރާތުން އެ އިވުނީ އޭނާ އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުން އައި ބަސްތަކެކެވެ. ކައިވެންޏަށް ޒިވްރާ ރުއްސޭތޯ އޭނާ އެކި ގޮތްގޮތަށް ކުރަމުން އައި މަސައްކަތް ކާމިޔާބު ވެއްޖެކަން އެނގުމުން ލިބުނު އުފަލުގައި ކުރެވޭ ނުކުރެވޭ ކަމެއްވެސް އިހުސާސުނުވީއެވެ.
ކޮޓަރިން ނުކުމެ ޝާހީނާ ދޮރު ލައްޕައިލުމާއެކު އެ ހުރިހައިއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމުދޫކޮށް ޒިވްރާގެ ކޯތާފަތްމައްޗަށް އޮހިގަތެވެ. ތުރުތުރުއަޅައިގެންދިޔަ ތުންފަތް ފިއްތައިލަމުން ޒިވްރާ ދެލޯ މަރައި ބާރުކޮށްލިއެވެ. އެއާއެކު އަޒާންގެ އިންސްޓަގްރާމް އަށް ލައިފައިވާ، އޭނާއާއި އިޝްޔާގެ ރަންކިޔުމުގެ ހަފުލާގައި ނަގައިފައިވާ ފޮޓޯ، ސިފަވެގެން އައެވެ. ހިނިއައިސްފައި އެކަކު އަނެކަކަށް ބަލަން ތިބިއިރު އެ ދެމެދުގައިވާ ލޯބި އެއްވެސް ފޮރުވުމަކާނުލާ ހާމަވެއެވެ. ޚާއްސަކޮށް އަޒާންގެ ދެލޮލުން އިޝްޔާއަށްޓަކައިވީ ނިމުމެއް ނެތް ފުން ލޯބި ފައުޅުވެއެވެ. ފޮޓޯގެ ތިރީގައި އަޒާން ލިޔެފައިވާ ބަސްކޮޅު ހަނދާންވުމާއެކު ޒިވްރާއަށް ހިންދިރުވައިލެވުނެވެ. "އެންގޭޖްޑް ޓް ދި ލަވް އޮފް މައި ލައިފް" ރަތް ހިތަކާއެކު އަޒާން ލިޔެފައި އިނެވެ.
އަޒާއާ ފުރަތަމަ ބައްދަލުވީ ހިނދުން ފެށިގެން، ޒިވްރާގެ ހިތުގައި އަޒާން އަށް ޚާއްސަ މަޤާމެއް ދެވުނު ނަމަވެސް، އެ ލޯތްބަކީ އޭނާގެ ނަސީބު ނޫންކަން ޤަބޫލުކުރިތާ އެތައް ދުވަހެއް ފާއިތުވެއްޖެއެވެ. އެހެންނަމަވެސް ހިތުގައި ބޭކާރު އުއްމީދުތަކެއް ފޮރުވިފައިވީ ކީއްވެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. އިޝްޔާ އާއި އަޒާންގެ ކައިވެނީގެ ޚަބަރާއެކު، ހިތުގައިވި އެ ކުޑަކުޑަ އުއްމީދުގެ ހުޅުކޮޅުވެސް ނިވިއްޖެއެވެ. އިތުރަށް ލިބެންނެތް އުފަލަކަށްޓަކައި އަމިއްލަ ދިރިއުޅުން ބޭކާރުކުރާކަށް ޒިވްރާ ވެސް ބޭނުމެއްނުވެއެވެ. އެ ދުވަހު ޒައިހާ ދެއްކީ ތެދު ވާހަކަތަކެއްކަން ޚުދު އޭނާ ވެސް ޤަބޫލުކުރެއެވެ. ކޮންމެކަމެއް ވެސް މިންވަރު ކުރައްވާނީ އެންމެ ރަނގަޅަށް ކަމުގައި ދެކެމުން، ދިރިއުޅުމާއިގެން ކުރިއަށްދާން އޭނާ ވެސް ނިންމީއެވެ.
*****
އެމަރޖެންސީ ރޫމްގެ ދޮރު ހުޅުވައިލުމަށްފަހު ނުކުތް ޑޮކްޓަރު ފެނުމާއެކު އަޒާން އަށް އިންތަނުން ތެދުވެވުނު ގޮތް ވެސް ނޭނގުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެދިމާލަށް ދާންވާއިރަށް އެ ހިސާބައި ކައިރީގައި ތިބި ސުފްޔާން އާއި ޔުމްނާއާ ދިމާލަށް އެނބުރެމުން ޑޮކްޓަރު ވާހަކަދައްކަން ފަށައިފިއެވެ. "މި ވަގުތަށް ޕޭޝަންޓްގެ ހާލަތު ސްޓޭބަލް ވެއްޖެ" ލޮލުގައި އަޅައިފައިވާ ނަންބަރު އައިނު ނަގަމުން ޑޮކްޓަރު ބުނެލީ މަޑުމައިތިރި ރާގަކަށެވެ. އެ އަޑު އިވިފައި އަޒާން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް އަޒާންގެ ހަމަޖެހުން ދެމިއޮތީ ކުޑަހިނދުކޮޅަކަށެވެ. ދެވަނަ ފަހަރަށް ޑޮކްޓަރު ވާހަކަދައްކަން ފެށުމާއެކު އަޒާންގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.
"އެކަމަކު.." ކަންބޮޑުވުމުގެ ނަޒަރަކުން ސުފްޔާން އަށް ބަލައިލަމުން ޑޮކްޓަރ ސަމަދު ވާހަކަމެދުކަނޑައިލީ ދޭން އޮތް ޚަބަރުގެ ޒާތުން ކަހަލައެވެ. "ޕޭޝަންޓްގެ ކޮންޑިޝަން ކުރިއަށްވުރެ ގޯސްވެއްޖެކަމަށް ލަފާކުރެވެނީ" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ފުންނޭވައެއް ދޫކޮށްލަމުން ސަމަދު ބުނެލިއެވެ. އެއާއެކު ޑޮކްޓަރުގެ ފަހަތުގައިކަހަލަ ގޮތަކަށް ހުއްޓިގެންހުރި އަޒާންގެ ނިތަށް ރޫތައްޖަމާވެގެން ދިޔައެވެ.
"ކޮންޑިޝަންއޭ؟ ކޮން ކޮންޑިޝަންއެއްތޯ ޑޮކްޓަރ؟" ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އަޒާން އަހައިލީ ޖެހިލުންވެފައި ހުރެއެވެ. ލިބެން އުޅެނީ އޭނާއަށް އަޑުއަހަން އެހައި ފަސޭހަ ޚަބަރެއް ނޫންކަމަށް އޭނާގެ ހަވަނަ ހިއްސު އިންޒާރުދެމުން ދިޔައެވެ. ސުވާލުގެ ނަޒަރަކުން އަޒާން އަށް ބަލައިލުމަށްފަހު ޑޮކްޓަރ ސަމަދު ސުފްޔާންއާ ނަޒަރު ސީދާކޮށްލިއެވެ.
"ކީއްވެތަ އެކަކުވެސް ޖަވާބެއް ދޭން ނޭނގިފަ ތި ތިބެނީ؟ އަހަރެން ސުވާލެއް ކޮށްފީމޭ. އަހަރެން މި އަހަނީ އިޝްޔާގެ ކޮން ކޮންޑިޝަންއެއްގެ ވާހަކައެއްހޭ ޑޮކްޓަރު އެ ބުނަނީ؟" މިފަހަރު އަޒާންގެ އަޑު ތަންކޮޅެއް ބާރުވެލިއެވެ. އެއާއެކު ހާސްވެފައި ލިޔާރާއަށް އަޒާންގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ. އެވަގުތުވީ ހިލްމީއަށް ވެސް އެހިސާބަށް އައިސް މަޑުކޮށްލެވުނު ވަގުތަށެވެ. ވާނުވާ ނޭނގިފައި އޭނާ ފަހަރެއްގެ މޫނަށް ބަލައިލިއެވެ.
އަޒާންގެ ސުވާލާއެކު ޔުމްނާ މަޑުމަޑުން ރޯންފެށިއެވެ. ކުށްވެރި އިހުސާސެއް ކުރެވެމުންދިޔައިރު އޭނާއަށް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ކަރުނުން ބަރާވެފައިވާ ދެލޮލުން އެންމެފަހުން ސުފްޔާން އަޒާންއަށް ބަލައިލިއެވެ. ދެން އިތުރަށް އެކަން ސިއްރުކުރެވެން ނެތްކަން އިހުސާސުކުރެވުނީ ކަންނޭނގެއެވެ. "އިޝީ.. އިޝީގެ.. ކި..ކި..ކިޑްނީސް.. ފެއިލް.. ވެފަ.." ތުރުތުރުލަމުންދިޔަ އަޑަކުން ސުފްޔާންއަށް ބުނެވުނީ އެހައިވަރަށެވެ. ސުފްޔާންގެ ޖަވާބާއެކު މުޅިތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެވެ.
(ނުނިމޭ)
Ads by MACL
