ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރަން، ފައިސާ ނުދެއްކޭ މައްސަލަ ހައްލުކޮށްދޭނަން: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް އެ ލިމިޓްގެ ތެރޭގައި ހިމަނާފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މިދިޔަ މަހު ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާ އެކު މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފައެވެ. ޑޮލަރުގެ ތާށިކަމާ ހެދި އެޅި މި ފިޔަވަޅާ އެކު، އެކި ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ވެސް ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި އެފަދަ ޕޭމަންޓުތައް މަނާކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ބުންޏެވެ.
"އެކި ސަބަބުތަކާ ހެދި ސަބްސްކްރިޕްޝަން ޕޭމަންޓްތައް ޑިކްލައިންވާ މައްސަލަ މި ގެންދަނީ ބަލަމުން. ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ އަޅުގަނޑުމެންނަށް ގުޅުއްވުމުން ވަގުތުން އެ މައްސަލައަށް ހައްލެއް ހޯދައިދޭނަން،" ބީއެމްއެލް އިން ބުނެފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ބޭންކުން ކުރަމުންދާއިރު، މި ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން "ވަރަށް ބޮޑުތަނުން" ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބީއެމްއެލް އިން އެ މަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ.
Ads by MACL
