ޓޫރިޒަމުން އާންމުން ބާރުވެރިކުރުވަން ޔޫއެންއެފްޕީއޭއާއެކު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި
ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ރަށްރަށުގެ އާންމު ފަރުދުންނަށް ލިބޭ ފުރުސަތުތައް ފުޅާކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށް ޚާއްޞަ މޮޑެލްއެއް އެކުލަވައިލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަނާއި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސް ގުޅިގެން މަސައްކަތް ފަށައިފިއެވެ.
"ޕީޕަލް ސެންޓަރޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލް" ނަމުގައި ތައާރަފުކުރާ މި އައު ނިޒާމު ގާއިމުކުރުމަށްޓަކައި ދެ މުއައްސަސާގެ ދެމެދުގައި މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގެ ހަތަރު ރަށެއްގައެވެ. އެއީ އެ އަތޮޅު ދަރަވަންދޫ، ދޮންފަނު، ކިހާދޫގެ އިތުރުން ކުޑަރިކިލެވެ.
މި ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ މުޖުތަމައުގައި ހިމެނޭ އަންހެނުންނާއި، ޒުވާނުންގެ އިތުރުން އިސްރަށްވެހިންނަށް ފަތުރުވެރިކަމުގެ ތެރެއިން އައު ފުރުސަތުތަކެއް ހޯދައިދީ، އާއިލާތަކަށް އެކުގައި ބައިވެރިވެވޭނެ ފަދަ މާހައުލެއް ބިނާކުރުމަށެވެ. އަދި ރަށްރަށުގެ ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމުގައި، އެ ރަށެއްގެ ރައްޔިތުންގެ ބޭނުންތަކާއި ޝުއޫރުތަކަށް ފުރިހަމައަށް ރިއާޔަތްކުރުމަކީ މި މަސައްކަތުގެ މައިގަނޑު އަސާސެވެ.
މި ބޮޑު މަޝްރޫއުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މެޕިންގްގެ މަސައްކަތްތަކެވެ. މިއީ މުސްތަގުބަލުގައި ރައްޔިތުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ހިންގާ ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމްތަކާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅިގެންދާނެ ވަރުގަދަ ބިންގަލެކެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން، ރަށެއްގެ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އެ ރަށެއްގެ ފަރުދުން ކަމުގައި ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން މުޅި މުޖުތަމައަށް ސީދާ ގޮތުން ފައިދާކުރާނެ ފަތުރުވެރިކަމުގެ މުޅިން އައު މޮޑެލްއެއް ރާއްޖޭގައި ބިނާވެގެންދާނެއެވެ.
Ads by MACL
