ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތަރައްގީގެ މަޝްރޫއުތަކާއެކު ތިމާވެށި ހިމާޔަތްކުރުމުގައި މި ސަރުކާރުން ހާސިލުކުރާނީ އަމަލީ ނަތީޖާ: ރައީސް

ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. ---
ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. ---

ގައުމީ ތަރައްގީގެ ބޭނުމަށް ހިންގާ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކާއެކު ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށްދާނީ ހަމައެކަނި ދެއްކުންތެރި ވާހަކަތަކެއްގެ ގޮތުގައި ނޫން ކަމަށާއި، މި ސަރުކާރުން ވަކާލާތުކުރަނީ އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ވަށާޖެހޭ ސިޔާސަތުތަކަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަލަށް ފެށި "ޕަލްސް" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިން ހިއްކުމަކީ ހާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ހިނގާ އަދި ކޮންޓްރަވާޝަލް މައުލޫއެއް ކަމަށެވެ. އަދި ތަރައްގީގެ ބޭނުމަށް ބިން ހިއްކަން ޖެހުނު ނަމަވެސް، އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެގޮތުން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހިންގާ ރަސްމާލެ މަޝްރޫއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، އެ ސަރަހައްދު ހިއްކާއިރު އެތަނުގައި ހުރި މުރަކަތައް އެހެން ތަންތަނަށް ބަދަލުކުރުމާއި، މުރަކަ އާލާކޮށް އިންދުމުގެ އަމަލީ ޕްރޮގްރާމުތައް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ނަމޫނާ ނަގަން ބޭނުންވާ ފަދަ ގޮތަކަށް ތަރައްގީއާއި ތިމާވެށި ގުޅުވާލުން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ތަރައްގީގެ މަސައްކަތްތަކުގެ ސަބަބުން މަސްވެރިކަމަށް ބޭނުންވާ އެންވެރިކަމަށް ބައެއް ކަހަލަ ނޭދެވޭ އަސަރުތައް ކުރާކަން ފާހަގަކުރައްވައި، އެންވެރިކަން ނުގެއްލޭނެ ފަދަ އިންތިޒާމުތަކަކާއެކު ސަރުކާރުގެ މަޝްރޫއުތައް ބައްޓަންކުރަމުންދާ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަދި ކުރީގެ ސަރުކާރުތަކުން ތިމާވެށި ހިމާޔަތްކުރުމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވި ނަމަވެސް، މި ސަރުކާރުން ކަންކަން ކުރަނީ ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ގޮނޑުދޮށްތައް ގިރުމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ބައެއް ރަށްރަށުގައި ގެދޮރު މޫދަށް ވެއްޓޭ ހިސާބަށް ކަންކަން ގޮސްފައިވާތީ ގިނަ ރަށްތަކެއްގެ ހިމާޔަތުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބޮޑުހިލަ ފަދަ ތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެކަމަށް ވެސް ހައްލު ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ސަރުކާރުގެ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމުތަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑެތި މަޝްރޫއުތައް އެއްކޮށް ނިންމާލެވޭނެ ކަމުގެ އުންމީދީ މެސެޖަކުންނެވެ.