ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގައި އަންހެނަކަށް ބިރުދައްކައި ވިއްކާލާނެ ކަމަށް ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ހުޅުމާލޭގައި އަންހެނަކަށް ބިރުދައްކައި ވިއްކާލާނެ ކަމަށް ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކައި، އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އަނިޔާލިބުނު ފަރާތުން ދީފައިވާ ބަޔާނުގައި، އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާނެ ކަމުގެ ސީދާ އިންޒާރު ކުރީގެ ފިރިމީހާ ދީފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

މި މައްސަލައިގެ ބާވަތަށް ބަލައި ފުލުހުން އިތުރަށް ސާފުކޮށްދީފައިވާ ގޮތުގައި، މިހާތަނަށް ބެލި ބެލުމުން މި ހާދިސާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވެއެވެ. އަދި އޭނާ އެހެން މީހަކަށް ހަގީގަތުގައި ވިއްކާލާފައިވާ ކަމުގެ ނުވަތަ އިންސާނީ ވަގުފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައިވާ ކަމުގެ ހެކިލިބިފައި ނުވާތީ، މިއީ މައިގަނޑު ގޮތެއްގައި ބިރުދެއްކުމުގެ މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ.