ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެސީ އާޖެންޓީނާ ސްކޮޑުގައި ހިމެނީ އަހަރެން ބޭނުން ވެގެން، މެސީ ބޭނުންވެގެން ނޫން: ސްކަލޯނީ

މެސީ އާޖެންޓީނާ ސްކޮޑުގައި ހިމެނީ އަހަރެން ބޭނުން ވެގެން، މެސީ ބޭނުންވެގެން ނޫން: ސްކަލޯނީ

އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ވޯލްޑް ކަޕަށް ނެގުމާ ގުޅޭގޮތުން ހިނގާދިޔަ މުހިންމު މުއާމަލާތްތަކުގެ ތަފްސީލު ހާމަކޮށްފިއެވެ. ސްކަލޯނީ ބުނި ގޮތުގައި މެސީ ޓީމުގައި ހިމެނޭކަން ކަށަވަރުވެގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކުއްލިއަކަށް ކުރި މެސެޖަކުންނެވެ.

ކޯޗު ބުނީ އާޖެންޓީނާއިން މިފަހަަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑުގައި މެސީ ހިމެނީ ސީދާ އޭނާ ބޭނުންވެގެން އަމިއްލައަށް ބުނެގެން ކަމަށެވެ. އަދި އެއީ މެސީ އަމިއްލައަށް ނިންމި ނިންމުމެއް ނޫން ކަމަށް ކޯޗު ވަނީ ބުނެފައެވެ. ސްކަލޯނީ ކިޔައިދިން ގޮތުގައި އޭނާ ވޯލްޑް ކަޕް ސްކޮޑުގައި މެސީ ހިމަނަން ބޭނުންވެގެން މެސެޖެއް ފޮނުވުމުން، މެސީ ބުނީ އޭނާ އިންތިޒާރު ކުރާނީ ސްކޮޑް އިއުލާން ކުރާނެ ވަގުތަކަށް ކަމަށެވެ.

"އަހަރެން މެސީއަށް މެސެޖެއް ކުރީ ވޯލްޑް ކަޕް ޓީމުގައި ހިމަނަން ވެގެން. އެހެން ނަމަވެސް މެސީ މާ ހާއްސަކަމެއް ނުދޭ އެކަމަކަށް، ބުނީ ކޯޗު ބޭނުންނަމަ ޓީމުގައި ހިމެނިޔަސް މައްސަލައެއް ނެތް ކަމަށް. އަދި ފަހުން މެސެޖެއް ކޮށްފަ އެހީ ސްކޮޑުގައި ހިމެނިންތޯ. ދެން އަހަރެން ބުނިން މިހާރު ވާނީ ސްކޮޑުގައި މެސީގެ ނަން ހިމަނާފައޭ،" ސްކަލޯނީ ބުންޏެވެ.

ކޯޗު ފާހަގަކުރި ގޮތުގައި، މެސީ ފަދަ ބޮޑު ތަރިއަކު ވޯލްޑް ކަޕާ ގުޅޭގޮތުން ވަކި ހާއްސަ އިއުލާނެއް ކޮށްފާނެ ކަމަށް އެންމެންވެސް އުންމީދު ކުރިއެވެ. ނަމަވެސް، މެސީ އަމަލުކުރީ ކޮންމެ އާދައިގެ ކުޅުންތެރިއަކުވެސް އަމަލުކުރާނެ ފަދައިން، ކޯޗުގެ ނިންމުމަށް އިހުތިރާމްކޮށް، ރަސްމީކޮށް ޓީމު އިއުލާން ކުރަންދެން މަޑުކޮށްގެންނެވެ.

މެސީގެ ފަރާތުން ފެނުނު މި މަޑުމައިތިރި އަޚްލާގުގެ ސަބަބުން ކޯޗަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"މެސީ ހުރީ އިތުރު އެއްވެސް ކަމެއްގެ ތެރެއަށް ނުވަންނަން ހަމަ އެކަނި އަހަރެން ބުނެފާނެ ވަކި އެއްޗަކަށް އިންތިޒާރު ކޮށްގެން. އަދި އާޖެންޓީނާގެ ސްކޮޑުގައި ހިމެނޭތީ ނުވަތަ ނޫންތޯ ބަލަން މަޑުކޮށްލައިގެން ހުރީ އަހަރެންގެ ނިންމާނެ ގޮތަކަށް ބަލައި ވަކި ގޮތެއް ނިންމަން،" ކޯޗު އިތުރަށް ބުންޏެވެ.

ސްކަލޯނީ ނިންމާލަމުން ބުނީ މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަށް ނެގި އާޖެންޓީނާގެ ސްކޮޑަށް އަންނަން މެސީ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި، އޭނާ ސްކޮޑުގައި ހިމެނީ ކޯޗަށް ފެނިގެން އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.