ވޯލްޑްކަޕް ފެށެން ކުޑަދުވަސްކޮޅެއް، ޓްރެއިނިންގައި ރޮނަލްޑޯ ޖެހިޖެހިގެން 5 ފްރީކިކް ވައްދާލައިފި!
މި މަހުގެ 11 ގައި ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ހިލޭ ޖެހުމުގެ ހުނަރު އަދިވެސް ފަނޑުނުވާކަން ދުނިޔެއަށް ސާބިތުކޮށްދީފިއެވެ. ލިޒްބަންގައި ކުރިއަށްދާ ޕޯޗުގަލް ގައުމީ ޓީމުގެ ތަމްރީނުތަކުގައި ރޮނާލްޑޯ ދައްކަމުންދާ ކުޅަދާނަކަމުގެ ސަބަބުން ޕޯޗުގަލްގެ ސަޕޯޓަރުންގެ މެދުގައި ވަނީ އުންމީދު އާވެ، އިތުރު ޖޯޝެއް ވެސް އުފެދިފައެވެ.
އެންމެ ފަހުން ޕޯޗުގަލް ގަހއުމީ ޓީމުން ލިސްބަންގައި ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން ރޮނާލްޑޯ ވަނީ އޭނާގެ ޗަރުކޭސް ދައްކާލާ ޖެހިޖެހިގެން ފަސް ފްރީ ކިކް ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ރޮނާލްޑޯގެ މި ޒަރުކޭސްތަކުން ޓީމުގެ ކޯޗުންނާއި ޓީމުގެ ކުޅުންތެރިން ހައިރާންކޮށްލިއެވެ. އޭނާގެ ހަވަނަ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ މި ތަޖުރިބާކާރު ފޯވާޑް ފެންނަނީ ވަރަށް އިތުބާރާއެކުގައެވެ. މި މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން އަންނަނީ އެކަމަށް ތައުރީފު ކުރަމުންނެވެ.
ކޯޗު ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ޓީމު އެކުލަވާލާފައިވަނީ ތަޖުރިބާކާރު ކުޅުންތެރިންނާއި އުއްމީދީ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. މި ޓީމުގެ އެންމެ މުހިންމު ތަނބަކީ ރޮނާލްޑޯއެވެ. ތަމްރީނުތަކުގެ ތެރޭގައި އޭނާ ދައްކާ މަޖާ މިޒާޖާއި، ޓީމުގެ އެހެން ކުޅުންތެރިންނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން މުޅި ސްކޮޑުގެ ރޫހު ވަނީ ވަރުގަދަވެފައެވެ. ފަހު ހިލޭ ޖެހުން ނާކާމިޔާބުވުމުން އޭނާ އެކަމާ މަޖާކޮށްލި ގޮތުން ދޭހަވަނީ އޭނާ ހުރީ ނަފްސާނީ ގޮތުން ވަރަށް ހަމަޖެހިގެން ކަމެވެ.
Ads by BMLޕޯޗުގަލް މިފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލަނީ ތަށި ހޯދުމުގެ ވަރުގަދަ އަޒުމެއްގައެވެ. ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ގާބިލުކަމާއި، ހާއްސަކޮށް ހިލޭ ޖެހުންތަކުގައި އޭނާ ދައްކާ ކުޅަދާނަކަމަކީ ޕޯޗުގަލްއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ މުބާރާތުގެ މުހިންމު ވަގުތުތަކުގައި ނަތީޖާ ބަދަލުކޮށްލުމަށް ބޭނުންކުރެވިދާނެ ނުރައްކާތެރި ހަތިޔާރެކެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ރޮނާލްޑޯގެ މި ފޯމަކީ ޕޯޗުގަލްގެ ފުޓްބޯޅައަށް ލިބުނު އުފާވެރި ހަބަރެކެވެ. އުމުރުން ދުވަސްވީ ނަމަވެސް، އޭނާގެ ހިތްވަރާއި ހުނަރަށް ބަދަލެއް ނާންނަކަން މިވަނީ ހާމަވެފައެވެ. ވޯލްޑް ކަޕް ފެށޭއިރު، ރޮނާލްޑޯގެ މި ހިލޭ ޖެހުންތަކުގެ ސަބަބުން ޕޯޗުގަލްއަށް ކާމިޔާބީގެ އާ އުސްމިންތަކަކަށް ވާސިލުވެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
Ads by MACL
