ވޯލްޑް ކަޕާއި ދިމާކޮށް ނައިކުން ރޮނާލްޑޯއަށް ޚާއްސަ ކޮށްގެން ބޫޓެއް ނެރެން ތައްޔާރުވެއްޖެ
މި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާއިރު، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕާ ދިމާކޮށް ނައިކީން ޚާއްސަ އެޑިޝަނެއްގެ ބޫޓެއް ތައްޔާރުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފުޓްބޯޅަ ބޫޓު އުފައްދާ ސިނާއަތުގެ މަސްދަރުތަކުން ލީކުވެފައިވާ ރިޕޯޓްތަކަށް ބަލާއިރު، ނައިކީން ތައްޔާރުކުރަމުންދަނީ " ދި ގޯޓް ލާސްޓް ޑާންސް" ގެ ނަމުން ނަންދެވިފައިވާ ލިމިޓެޑް އެޑިޝަންގެ ސީއާރު ސެވެން މާކިއުރިއަލް ބޫޓެކެވެ. މި ބޫޓަކީ ރޮނާލްޑޯގެ ފާހަގަކޮށްލެވޭ ދިގު އަދި ކާމިޔާބު ކެރިއަރަށް ދެވޭ ހަދިޔާއެއް ކަމަށް ބެލެވެއެވެ.
ލީކުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ބޫޓަކީ ރޮނާލްޑޯގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީތަކެއް ހޯދިއިރު ބޭނުންކުރި މާކިއުރިއަލް ސުޕަފްލައި މޮޑެލްގެ ރަން ކުލައިގެ ބޫޓެކެވެ. އަދި މި ބޫޓުގައި"ގޯޓް" ބްރޭންޑިންގ ހިމެނޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިއީ ރޮނާލްޑޯއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލުކުރާ ސަޕޯޓަރުންނަށް އަމާޒުކޮށްގެން ހިމަނާފައިވާ ނަމެކެވެ.
Ads by BMLމި ފަހަރުގެ މުބާރާތް ފަށާއިރު ރޮނާލްޑޯގެ އުމުރަކީ 41 އަހަރެވެ. މިއީ އޭނާގެ ހަވަނަ ވޯލްޑް ކަޕަށް ވާއިރު، މިއީ ފުޓްބޯޅަ ތާރީޚުގައިވެސް އައުޓްފީލްޑް ކުޅުންތެރިއަކު މިހާ ގިނަ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރަށް ވާނެއެވެ. ގިނަ ބަޔަކު މި މުބާރާތް ސިފަކުރަނީ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ސްޓޭޖުގައި ފެންނާނެ އެންމެ ފަހު ކުޅުން ނުވަތަ "ލާސްޓް ޑާންސް" ގެ ގޮތުގައެވެ.
މި ބޫޓަކީ ރޮނާލްޑޯގެ ކުރީގެ މާކިއުރިއަލް މޮޑެލްތަކުގެ ކްލާސިކް ސިފަތަކާއި މިޒަމާނުގެ ޓެކްނޮލޮޖީ އެއްކޮށްލައިގެން ތައްޔާރުކުރާ ބޫޓެއް ކަމަށް ބުނެވެއެވެ. ނަމަވެސް، ނައިކީން މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ރޮނާލްޑޯއަކީ ފާއިތުވި ވިހި އަހަރަށްވުރެ ގިނަ ދުވަހު ނައިކީގެ އެންމެ ނުފޫޒުގަދަ އެމްބެސެޑަރެވެ. މި ބޫޓު ބާޒާރަށް ނެރެފިނަމަ، މިއީ ވޯލްޑް ކަޕްގެ ދުވަސްވަރު އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ އެއް އުފެއްދުމަށް ވާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
Ads by MACL
