ތާރުއެޅުމަށްޓަކައި މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު އެއްކޮށް ބަންދުކުރަނީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މާދަމާއިން ފެށިގެން އެ މަގުގެ ބޮޑު ބައެއް އެއްކޮށް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތަށް މަގު ބަންދުކުރަން ފަށާނީ މިރޭ މެންދަމު 00:00 އިން ފެށިގެންނެވެ.
މިގޮތުން ދަތުރުފަތުރަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ އުތުރު ބޮޑުތަކުރުފާނުމަގުގެ އިއްޒުއްދީން ފާލަމާ ހިސާބުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ދެމެދުގައިވާ ސަރަހައްދެވެ. މި ބަދަލާ ގުޅިގެން އާންމުންނަށް ފަސޭހަަކުރުމުގެ ގޮތުން ފުލުހުން ވަނީ މަގު ބަންދުވާނެ ގޮތުގެ ތަފްސީލީ ޗާޓެއްވެސް މިހާރު އާންމުކޮށްފައެވެ.
އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ސެގްމަންޓް 4 ގެ ސަބް-ގްރޭޑިންގ މަސައްކަތްތަކެވެ. އަދި މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ދުވާރު ހެދުމާއި، ފެން ހޮޅި އެޅުމާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ހެދުމުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އަންނަ ހަފުތާގެ ތެރޭގައި ނަރުދަމާ އާއި ފެނުގެ އާ ކަނެކްޝަންތައް ދީ ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ވިއްސާރަ ދުވަސްވަރު މަގުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ގާއިމުކުރާ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ޖޫން މަހުގެ މެދުތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، މި ހަފުތާގެ ތެރޭގައި އެއްގަމު ތޮށީގެ 130 މީޓަރުގެ ސަރަހައްދެއްގައި ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ ހަމައެކަނި މަގު ހެދުމެއް ނޫން ކަމަށާއި، އެ މަގު ފެހިކޮށް ހިތްގައިމު ތަނަކަށް ހެދުމަށްޓަކައި ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ ވިދާޅުވެފައެވެ.
Ads by MACL
